މައިމީހާގެ ފަރާތުން ދަރިފުޅަށް ހެޕަޓައިޓިސް ބީ ފެތުރުން އެއްކޮށް ހުއްޓުވި ފުރަތަމަ ޤައުމަކަށް ރާއްޖެ ވެއްޖެއެވެ.
މިކަން ހާމަކުރެއްވީ މިނިސްޓަރ އޮފް ހެލްތު އަބްދުﷲ ނާޒިމް އިބްރާހިމް، ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ.
މިނިސްޓަރ ހާމަކުރެއްވި ގޮތުގައި، މައިމީހާގެ ފަރާތުން ދަރިފުޅަށް ތިން ބައްޔެއް ފެތުރުން އެއްކޮށް ހުއްޓުވި ދުނިޔޭގެ ފުރަތަމަ ޤައުމުގެ ޝަރަފު ޑަބްލިޔުއެޗްއޯއިން ވަނީ ރާއްޖެއަށް ދީފައެވެ.
ރާއްޖެއިން މި ފަޚުރުވެރި ލަގަބު ހޯދާފައިވަނީ އެޗް.އައި.ވީ ސިފިލިސް އަދި ހެޕަޓައިޓިސް ބީ މައިމީހާގެ ފަރާތުން ދަރިފުޅަށް ފެތުރުން ހުއްޓުވުމުގައި ހޯދި ނަތީޖާއާ ގުޅިގެންނެވެ. މިއީ ގައުމީ ފެންވަރުގައާއި ދުނިޔޭގެ ސިއްހީ ދާއިރާގައިވެސް ރާއްޖެއިން ހޯދި ވަރަށް މުހިންމު ކާމިޔާބީއެކެވެ.
މީގެ އިތުރުން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ވަނީ ދުޅަހެޔޮ މުޖުތަމައެއް ބިނާކުރުމަށްޓަކައި ދުންފަތުގެ އިސްތިއުމާލުކުރުން ކޮންޓްރޯލް ކުރުމަށް ވަރުގަދަ ފިޔަވަޅުތަކެއް އަޅާފައެވެ. އެގޮތުން 2007 ވަނަ އަހަރުގެ ފަހުން އުފަންވާ ކުދިންނަށް ދުންފަތުގެ ބާވަތްތައް މަނާކުރާ ”ޖެނެރޭޝަނަލް ޓޮބެކޯ ބޭން“ މި ސަރުކާރުން ވަނީ ތައާރަފުކޮށްފައެވެ.
ސިއްހީ ދާއިރާއިން މިހާރު ކުރިއަށްދާ މުހިންމު މަސައްކަތްތަކުގެ ތެރޭގައި، މުޅި ރާއްޖެއަށް ސިއްހީ ވެކްސިން ފޯރުކޮށްދިނުމުގެ މަސައްކަތް ފުޅާކުރުމާއި، ދުޅަހެޔޮ މުޖުތަމައެއް ބިނާކުރުމަށްޓަކައި ބަލިތަކުން ރައްކާތެރިވުމުގެ ޤައުމީ ކެމްޕޭންތައް ކުރިއަށް ގެންދިއުން ހިމެނެއެވެ. މި މަސައްކަތްތަކުގެ މައިގަނޑު އަމާޒަކީ ދުޅަހެޔޮ ސިއްހަތެއްގައި ހުރި ޖީލެއް ބިނާކުރުމާއި، ގައުމުގެ ސިއްހީ ރައްކާތެރިކަން ވަރުގަދަކުރުމެވެ.




