ބޮޑުތަކުރުފާނުމަގު ތަރައްޤީކުރުމުގެ މަޝްރޫޢުގެ ދަށުން، ސެގްމެންޓް ހަތަރެއްގެ ޝީޓްޕައިލިން މަސައްކަތް މިއަދު ފަށައިފިއެވެ.
ބޮޑުތަކުރުފާނުމަގު ތަރައްޤީކުރުމުގެ މަސައްކަތް ސަރުކާރުން ކުރިއަށްގެންދަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާ ހަވާލުކޮށްގެންނެވެ.
އެ ކުންފުނިން ބުނީ، ސެގްމަންޓް 4ގެ މަސައްކަތުގެ ތެރެއިން ފުރަތަމަ ފަށާފައިވަނީ މިހާރު އޮތް އެއްގަމު ތޮށި ތަޅާލާ ނެގުމުގެ މަސައްކަތްތައް ކަމަށެވެ. އަދި މަގު ފުޅާކުރާ ސަރަހައްދާއި ހަމައަށް ޝީޓްޕައިލްކުރުމުގެ މަސައްކަތްވެސް ފަށާފައިކަމަށް އެމްޓީސީސީން ބުނެފައިވެއެވެ.
މި މަސައްކަތުގެ ތެރެއިން ބޮޑުތަކުރުފާނު މަގުން 6 މީޓަރު ފުޅާކުރާނެއެވެ.
އެމްޓީސީސީން ބުނީ މި މަޝްރޫއުގެ ތެރޭގައި ހިމެނޭ ސެގްމެންޓް 5 ގެ މަސައްކަތުގެ ތެރެއިން، ބިން ހިއްކުމާއި ސެޓްލްމަންޓް ޓޭންކް އިންސްޓޯލްކުރުމުގެ މަސައްކަތާއި އެންކަރ އިންސްޓޯލްމަންޓާއި ކޭބަލް ޓްރެންޗްގެ މަސައްކަތްވެސް ކުރިއަށްދާ ކަމަށެވެ.
ބޮޑުތަކުރުފާނު މަގު ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ ތިންވަނަ ބައެއްގެ މަސައްކަތް ކުރިއަށްދަނީ، ފޭސް 1ގެ ސެގްމަންޓް 2 އިން 5އާ ހަމައަށް އޮންނަ ސަރަޙައްދުގައެވެ. އެއީ އިއްޒުއްދީނު ފާލަމުން ފެށިގެން ހެންވޭރު ފެރީ ޓާމިނަލާ ހަމައަށް 700 މީޓަރުގެ ސަރަޙައްދެކެވެ. މުޅި މަޝްރޫޢުގައި 610 މީޓަރުގެ އެއްގަމު ތޮށި އާކޮށް، ތަރައްޤީކުރެއެވެ.




