މި އަހަރު ބާއްވާ ”މޯލްޑިވްސް އެކްސްޕޯ 2026“ ގައި ތަކެތި ބައިވެރިކުރުމުގެ ފުރުސަތު ބިޒްނަސް ސެންޓަރ ކޯޕަރޭޝަން (ބީސީސީ) އިން ހުޅުވާލައިފިއެވެ.
މި އަހަރުގެ މައުރަޒުގައި 16 ދާއިރާއަކުން 73 ގިންތިއަކުން ތަކެތި ބައިވެރިކުރެވޭނެ ކަމަށް އެ ކޯޕަރޭޝަނުން ވަނީ ހާމަކޮށްފައެވެ.
އިކޮނޮމިކް މިނިސްޓްރީން މިހާރު ވަނީ މި އެކްސްޕޯގައި އުފެއްދުންތައް ބައިވެރިކުރުމުގެ އުސޫލު އާންމު ކޮށްފައެވެ.
އެގޮތުން، އެ އެކްސްޕޯގައި ވާދަކުރެވޭ ދާއިރާތަކާއި ގިންތިތަކާ ގުޅޭ ހުރިހާ ކަމެއް އިންތިޒާމު ކުރާނީ އިކޮނޮމިކް މިނިސްޓްރީ އާއި ބީސީސީ ގުޅިގެން އެކުލަވާލާފައިވާ ފަންނީ ކޮމިޓީއަކުންނެވެ.
މިއަހަރުގެ އެކްސްޕޯ ބޭއްވުމަށް ތާވަލުކޮށްފައި ވަނީ އޮކްޓޯބަރު މަހުގެ 23 އިން 31 އަށެވެ.
މޯލްޑިވްސް އެކްސްޕޯ 2026ގައި ބައިވެރިވުމުގެ ފުރުސަތު އުމުރުން 13 އަހަރު ފުރިފައިވާ ކޮންމެ ދިވެހި ރައްޔިތަކަށް ވަނީ ހުޅުވާލާފައެވެ.
މީގެ އިތުރުން، ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ ސައްތައިންސައްތަ ދިވެހި ހިއްސާ އޮންނަ ކުންފުނިތަކާއި، ސަރުކާރު ހިއްސާވާ ކުންފުނިތަކާއި، ތައުލީމު ދޭ މަރުކަޒުތަކާއި، ކައުންސިލްތަކުގެ އިތުރުން ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ވެސް ބައިވެރިވެވޭނެއެވެ.
ނަމަވެސް މި އެކްސްޕޯގައި ބައިވެރިކުރާ އުފެއްދުންތަކަކީ ރާއްޖެއިން ބޭރުން ގެނެސްފައިވާ ތަކެއްޗަށް ވެގެން ނުވާނެ ކަމަށާއި، އެއީ ހުށަހަޅާ ފަރާތުގެ އަމިއްލަ އުފެއްދުމަކަށް ވާންޖެހޭނެ ކަމަށް އިކޮނޮމިކް މިނިސްޓްރީން އާންމުކޮށްފައިވާ އުސޫލުގައިވެއެވެ.
މި އެކްސްޕޯއަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި އަތްތެރި މަސައްކަތްތެރިންނާއި، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކާއި، އާ އީޖާދުތައް ކުރާ ފަރާތްތަކުގެ ހުނަރު ދައްކާލުމަށް ބާއްވާ ގައުމީ ފެންވަރުގެ ހަރަކާތެކެވެ.
ބީސީސީން މައުލޫމާތުދޭ ގޮތުގައި، މިއަހަރުގެ އެކްސްޕޯގައި މުދާ ވިއްކުމަށް ހާއްސަ މާކެޓް ޕްލޭސްއަކާއި، އިނޮވޭޓިވް ޓެކްނޮލޮޖީ ޑިސްޓްރިކްޓެއްގެ އިތުރުން މުނިފޫހިފިލުވުމަށް ހާއްސަ ސަރަޙައްދެއް ގާއިމުކުރާނެއެވެ.



