އިދިކޮޅު އެމްޑީޕީގެ އެތެރޭގައި ޖެހުނު މައްސަލައަށް ހައްލެއް ހޯދިފައިވާ ކަމަށް ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ޞާލިހު ރޭގައި ވިދާޅުވެއްޖެއެވެ.
ލޯކަލް ކައުންސިލް އިންތިހާބުގައި ލިބުނު ކާމިޔާބީ ފާހަގަކުރަން ރައީސް ޞާލިހުގެ އުފަންރަށް، ޅ.ހިންނަވަރުގައި ރޭ ބޭއްވި ޖަލްސާއެއްގައި ވިދާޅުވީ އެމްޑީޕީގެ އެތެރޭގައި ޖެހުނު މައްސަލައަށް ހައްލެއް ހޯއްދަވަން އެ ޕާޓީގެ ހުރިހާ ލީޑަރުން މަޝްވަރާކޮށް މަސައްކަތް ފަށާފައިވާ ކަމަށެވެ. އަދި މިފަހަރު ވެސް ދިމާވީ އެމްޑީޕީގެ އެތޭރައި އަބަދުވެސް ދިމާވާ ކަހަލަ މައްސަލައެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ލޯކަލް ކައުންސިލް އިންތިހާބުގައި އެމްޑީޕީއަށް ލިބުނު ކާމިޔާބީ ފާހަގަކުރަން އާޓިފިޝަލް ބީޗްގައި ބޭއްވި ޖަލްސާގައި ކުރީގެ ރައީސް މުހައްމަދު ނަޝީދާއި އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލް ވާހަކަ ދައްކަވަން ފުރުސަތު ނުދިނުމުން އުފެދުނު މައްސަލަ ހޫނުވެ، އެޕާޓީގެ ވަގުތީ ޗެއާޕާސަން އަބްދުލް ޣަފޫރު މޫސާ (ގަޕޯ) މަގާމުން ދުރުކުރުމުގެ މަސައްކަތް ވެސް ވަނީ ފަށައިފައެވެ.
ރައީސް ޞާލިހު ވިދާޅުވީ އެމްޑީޕީގެ އެތެރޭގައި ޖެހުނު މައްސަލައަކީ އެ ޕާޓީގެ އާއްމު މެންބަރުންނަށް ވަރަށް ބޮޑު މާޔޫސްކަމެއް ގެނައި ކަމަކަށް ވެއްޖެ ކަމަށެވެ.
”އެ ދުވަހުން ފެށިގެން އަޅުގަނޑުމެން އެކަމާ ދޭތެރޭގައި މަޝްވަރާނުކޮށް، ވާހަކަނުދައްކައެއް ނޫން މިތިބީއެއް. މީގެ ދެ ދުވަސް ކުރިން މި ޖެހުނު މައްސަލައާ އެކީ ގައި އަޅުގަނޑުމެން ހުރިހާ ލީޑަރުން، ޕާޓީގައި އިސްކޮށް މިތިބި މީހުން މިދަނީ މަޝްވަރާކޮށް، މިއަށް ހައްލެއް ހޯދުމުގެ މަސައްކަތް ކުރަމުން. އިރާދަކުރެއްވިއްޔާ، މިހާ ހިސާބަށް އާދެވުނު އިރުގައި އަޅުގަނޑުމެން މިވަނީ މިކަމަށް ހައްލެއް ހޯދާފައި. އާއްމު މެންބަރުން އެ އެދޭ ގޮތަށް އަޅުގަނޑުމެން މުޅި ލީޑަޝިޕް އެކީގައި މަސައްކަތް ކުރެވޭނެ ގޮތްތަކެއް އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންނަށް މިހިސާބަށް އާދެވުނު އިރު ހޯދިއްޖެ“ ރައީސް ޞާލިހު ވިދާޅުވިއެވެ.
އެހެން ނަމަވެސް އެމަނިކުފާނު ވިދާޅުވި ގޮތުގައި އެ ހައްލު ރަސްމީކޮށް، އަންނާނީ މިއަދު ނުވަތަ މިރޭގެ ވަގުތެއްގައެވެ.




