އެމްޑީޕީ ތެރޭގައި ޖެހުނު މައްސަލަގަނޑު ހައްލުވެއްޖެ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވެސް މިއަދު ވިދާޅުވެއްޖެއެވެ.
އެމްޑީޕީ ތެރޭގައި ޖެހުނު މައްސަލަގަނޑު ހައްލުވެއްޖެކަން ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިހު ވަނީ ރޭ އިއުލާންކުރައްވާފައެވެ. އަދި ލީޑަރުންގެ މެދުގައި ވި މި ސުލްހައާ ގުޅޭ ގޮތުން ރައީސް ނަޝީދު ވެސް މިއަދު އެމަނިކުފާނުގެ ރަސްމީ ”އެކްސް“ އެކައުންޓުގައި ވަނީ ޕޯސްޓެއް ކުރައްވާފައެވެ.
”އެމްޑީޕީގެ އެތެރޭގެ ހިލާފުތައް ހަމަޖެއްސުމަށް ފައްޔާޒު އިސްމާއިލް ކުރެއްވި ބުރަ މަސައްކަތްތަކަށް ޝުކުރު ދަންނަވަން. ރައީސް ޞާލިހާއި ޕާޓީގެ ރައީސް އަބްދުﷲ ޝާހިދަށް ވެސް މަރުހަބާ ދަންނަވަން،“ ނަޝީދު ކުރެއްވި ޕޯސްޓުގައި ލިޔުއްވާފައިވެއެވެ.
އެމްޑީޕީގެ ފެކްޝަންތަކުގެ މެދުގައި މިފަހަރު ކޯޅުން ފެށުނީ، މިދިޔަ އިންތިހާބުގައި އެ ޕާޓީއަށް ލިބުނު ކާމިޔާބީ ފާހަގަކުރަން ބޭއްވި ޖަލްސާގެ އެޖެންޑާ ފައިނަލް ކުރި ގޮތާ ގުޅޭ ގޮތުންނެވެ.
އެގޮތުން އެޖެންޑާގެ މައްސަލަ ދިމާވުމުގެ ކުރިން ބައެއް ފެކްޝަންތަކުގެ އިސް ލީޑަރުންގެ ފަހަތުގައި ތިބި ބައެއް ސަޕޯޓަރުންގެ މެދުގައި ސޯޝަލް މީޑިއާގައި ހޫނު ބަހުސެއް ވެސް ހިނގިއެވެ. އެ ބަހުސަކީ އެމްޑީޕީއަށް ކާމިޔާބީ ލިބުނީ ކޮން ލީޑަރެއްގެ ސަބަބުންތޯއާ ގުޅޭ ބަހުސެއްކަން ވަނީ އެނގިފައެވެ.
މައްސަލަ އިތުރަށް ބޮޑުވެ، ރައީސް ނަޝީދާއި އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް އުފާ ފާޅުކުރުމުގެ ޖަލްސާ ބޮއިކޮޓް ކުރެއްވިއެވެ. އެ ފެކްޝަަނުން ބުނާ ގޮތުން ރައީސް ނަޝީދާއި ފައްޔާޒަށް އެ ޖަލްސާގައި ވާހަކަ ދައްކަން ފުރުސަތު ދިނުމަށްފަހު، ފަހު ވަގުތު އެޖެންޑާއަށް ބަދަލު ގެނައީ އެހެން ބައެއް ފެކްޝަންތަކުގައި އެކަމާ ނުރުހިގެންނެވެ. ނަމަވެސް އެކަން ޕާޓީގެ ވަގުތީ ޗެއާޕާސަން އަބްދުލްގަފޫރު މޫސާ ވަނީ ދޮގު ކުރައްވާފައެވެ.



