މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގް ކޮމްޕެނީ (އެމްޓީސީސީ) އަށް ރާއްޖެއިން ބޭރުގައި މަޝްރޫތައް ހިންގުމަށް ފުރުސަތު ފަހިވަމުންދާ ކަމަށާއި އެހެންކަމުން ރާއްޖެއިން ބޭރުގައި ވެސް މަޝްރޫތައް ފަށަން ތައްޔާރުވަމުން އަންނަ ކަމަށް، އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައުދީ ވިދާޅުވެއްޖެއެވެ.
ސައުދީ މިހެން ވިދާޅުވީ ”އެމްއެމްޓީވީ“ އިން ގެނެސްދިން ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުންނެވެ.
އެގޮތުން ސައުދީ ވިދާޅުވީ އެމްޓީސީސީއިން ބޮޑެތި ގިނަ މަޝްރޫތަކެއް ހިންގަމުންދާތީ އެ ކުންފުނީގެ ޕޯޓްފޯލިއޯ މުއްސަނދިވެ ވަރުގަދަވަމުންދާ ކަމަށެވެ. އަދި އޭގެ ސަބަބުން ކުންފުންޏަށް އޮންނަ އިތުބާރާއި ޔަގީންކަން ބޮޑުވެ، ރާއްޖެއިން ބޭރުގެ ބައެއް މަޝްރޫއުތައް ހިންގުމުގައި އެ ކުންފުންޏާ ގުޅިގެން އެކީގައި މަސައްކަތް ކުރަން ބައިނަލްއަގުވާމީ ކުންފުނިތަކުން ހުށަހަޅަމުންދާ ކަމަށް ވެސް ވިދާޅުވިއެވެ.
”އެމްޓީސީސީ އަކީ އާއްމުކޮށް ރައްޔިތުންނަށް ހިއްސާ ވިއްކައިގެން ހިންގަމުން އަންނަ ކުންފުންޏެއް. ގިނަ އަދަދެއްގެ އުމްރާނީ ތަރައްގީގެ މަޝްރޫއުތައް ހިންގާ ކުންފުންޏެއް. މި ކުންފުންޏާއެކު މަސައްކަތްކުރުމަށް ގިނަ އަދަދެއްގެ ބޭރު ކުންފުނިތަކުން ދަނީ ހުށަހައަޅަމުން. މިކަމުގެ ފައިދާ އެންމެ ބޮޑަށް ފެންނާނީ އެމްޓީސީސީން ބަައިނަލްއަގުވާމީ ބިޑެއްގަައި ބައިވެރިވުމުން. ކުންފުނީގެ ޕޯޓްފޯލިއޯ ވަރުގަދަވުމުން އެފަދަ ބިޑުތައް ކާމިޔާބު ކުރަން ފަސޭހަވާނެ.“ ސައުދީ ވިދާޅުވިއެވެ.
ބޭރުގެ މަޝްރޫއުތައް ހިންގުމުގައި އެމްޓީސީސީއާ ބައިވެރިވެގެން މަސައްކަތް ކުރުމަށް ޝައުގުވެރިވާ ބޭރުގެ ކުންފުނިތަކާއެކު މަޝްވަރާތަކެއް ވެސް ކުރިއަށްދާ ކަމަށް ސައުދީ ވިދާޅުވިއެވެ. އެގޮތުން ދެ ޕާޓީއަކުން މިހާރު އެޕްރޯޗް ކުރަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ.




