ދުނިޔޭގެ އެކިކަންކޮޅުގައި ނޫސްވެރިންނަށް ހަމަލާދީ އަދަބުދޭތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވާ ނޫސްވެރިންނަށް އަނިޔާ ނުދިނުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގޮވާލައްވައިފިއެވެ.
މިއަދު ފާހަގަކުރަމުންދާ ދުނިޔޭގެ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހުގެ މުނާސަބަތުގައި ފޮނުއްވި ހިތާބުގައި ރައީސް މުޢިއްޒު ވަނީ، މިއީ ރާއްޖޭގެ ތާރީހުގައި ނޫސްވެރިންނަށް އެންމެ ސަމާލުކަންދީ އަޅާލުން އެންމެ ބޮޑު ސަރުކާރުކަމަށް ވިދާޅުވެފައެވެ. އެހެންނަމަވެސް ދުނިޔޭގެ އެކި ހިސާބުތަކުގައި ނޫސްވެރިންނަށް އަދަބު ދެމުންދާތީ އެކަން ހުއްޓާލުމަށް އެމަނިކުފާނު ގޮވާލެއްވިއެވެ.
”އެއްވެސް ތަހުޤީގެއް ހިންގުމެއް ނެތި ދުނިޔޭގެ ބައެއް ތަންތަނުގައި ނޫސްވެރިންނަށް ގަސްދުގައި ހަމަލާދީ މަރާލުމާއި، ނޫސްވެރިންނަށް އެކިއެކި އަދަބުތައް ދެމުންދާތަން ފެންނަމުންދާކަމީ ވަަރަށް ހިތާމަހުރި ކަމެއް. މިއީ، މިއަދު ބަލައިގަނެވޭނެ ކަމެއް ނޫން. އެހެންކަމުން، ނޫސްވެރިންނާ ދެކޮޅަށް ދުނިޔޭގައި ހިންގާ ބޮޑެތި ޖަރީމާތައް ހުއްޓާލުމަށް މިއަދު ގޮވާލަން“ ރައީސް ވިދާޅުވެފައިވެއެވެ.
މީގެ ކުރިން ރާއްޖޭގައި އެއްވެސް ސަރުކާރަކުން ނޫސްވެރިންނަށް ނުދޭ ސަމާލުކަން މި ސަރުކާރުން ދެމުން ގެންދަވާކަމަށް ވެސް ރައީސް މުޢިއްޒު ވިދާޅުވިއެވެ.



