މި އަހަރު ރާއްޖެއިން ހައްޖަށް ދާ ދިވެހިންގެ ފުރަތަމަ ގްރޫޕް މި މަހު 15 ގައި ސައުދި އަރަބިއްޔާއަށް ދިއުމަށް ފުރާނެ ކަމަށާއި މިފަހަރު ހަތަރު ފްލައިޓެއްގައި މީހުން ދަތުރުކުރާނެ ކަމަށް ހައްޖު ކޯޕަރޭޝަނުން މިއަދު ބުނެފިއެވެ.
ހައްޖު ކޯޕަރޭޝަނުން ބުނީ ހައްޖުވެރިންގެ ކަންކަން އިންތިޒާމުކުރުމަށް ސައުދީއަށް ދާ އެ ކުންފުނީގެ އެޑްވާންސް ޓީމުގެ ބައިވެރިން މާދަމާ ފުރާނެ ކަމަށެވެ.
މިފަހަރު ހަތަރު ފްލައިޓެއްގައި ދިވެހިން ހައްޖަށް ދާއިރު، އޭގެ ތެރެއިން ދެ ފްލައިޓަކީ ގައުމީ އެއާލައިން މޯލްޑިވިއަނުން ބާއްވާ ދެ ދަތުރެވެ. އަނެއް ދެ ފްލައިޓަކީ ސައުދިއާ އެއާލައިނުން ބާއްވާ ދެ ދަތުރެވެ.
އިސްލާމިކް މިނިސްޓްރީން ކުރިން ބުނެފައިވާ ގޮތުގައި، މި އަހަރު ހައްޖަށް 1،000 ދިވެހިންގެ ތެރެއިން 500 މީހަކު ދަތުރުކުރާނީ މޯލްޑިވިއަންގަ އެވެ.
° ފުރަތަމަ ފްލައިޓް: މި މަހު 15 ގައި ހެނދުނު 6:55 ގައި
° ދެވަނަ ފްލައިޓް: މި މަހު 17 ގައި ރޭގަނޑު 10:05 ގައި
° ތިންވަނަ ފްލައިޓް: މި މަހު 18 ގައި ހެނދުނު 6:55 ގައި
° ހަތަރުވަނަ ފްލައިޓް: މި މަހު 19 ގައި ދަންވަރު 12:05 ގައި
ހައްޖު ކޯޕަރޭޝަނުން ބުނީ މިފަހަރު ދިވެހި ހައްޖުވެރިން ސައުދީގައި 22 ދުވަހު ތިބޭނެ ކަމަށެވެ.


