ޑޮލަރު މާރުކުރުމާއި ބޭރު ފައިސާގެ މުއާމަލާތްތަކަށް ޚާއްސަކޮށްގެން ރާއްޖޭގައި ހިންގަމުން އައި އެންމެ ބޮޑު އެއް ވައިބާ ގްރޫޕް ކަމަށްވާ ”ކަރަންސީ އެކްސްޗޭންޖް އެމްވީ“ ބްލޮކްކޮށްފިއެވެ.
ޖުމުލަ 10،000 އަށްވުރެ ގިނަ މީހުން ހިމެނޭ މި ގްރޫޕް ބަންދުކޮށްފައިވަނީ ވައިބާގެ ޕަބްލިކް ކޮންޓެންޓް ގައިޑްލައިންތަކާ ހިލާފުވެގެން ކަމަށް އެ އެޕްލިކޭޝަނުން ދައްކާ މެސެޖުގައި ބުނެފައިވެއެވެ.
މި ގްރޫޕަކީ ރާއްޖޭގެ ކަޅު ބާޒާރުގައި ޑޮލަރުގެ އަގު ހުރި މިންވަރު ދުވަހުން ދުވަހަށް އެންމެ ބޮޑަށް އެނގެން އޮންނަ އެއް ވަސީލަތެވެ. މި ގްރޫޕް މެދުވެރިކޮށް ކޮންމެ ދުވަހަކު އެތައް ލައްކަ ޑޮލަރެއްގެ މުއާމަލާތް ހިންގާކަން، އޭގައި މީހުން ޖަހާފައިވާ ޕޯސްޓްތަކުން އެނގެއެވެ.
މި ޕޯސްޓްތަކުގައި ޑޮލަރު ވިއްކާ އަދަދާއި އަގު ހުށަހަޅާއިރު، ޑޮލަރު ގަންނަން ބޭނުންވާ މީހުން އެ މީހުން ބޭނުންވާ އަގު ޖަހައި މެސެޖްކުރުމަށް އެދެމުންދެއެވެ.
ވައިބާއިން މިފަދަ ކޮމިއުނިޓީ ގްރޫޕްތައް ބަންދުކުރަނީ އާންމުކޮށް، އެ ގައުމެއްގެ ގާނޫނާއި ގަވާއިދުތަކާ ހިލާފަށް ހިންގާ ގްރޫޕްތަކާއި، މަކަރާއި ހީލަތުގެ އަމަލުތައް ހިންގާ ގްރޫޕްތަކެވެ. ޑޮލަރުގެ މުއާމަލާތްތަކުގައި ބައެއް މީހުންނަށް ބޮޑެތި ގެއްލުންތައް ލިބިފައިވާތީ، މިފަދަ ޝަކުވާތައް ކަމާބެހޭ ފަރާތްތަކަށް ލިބިފައި ހުރުން އެކަށީގެންވެއެވެ. އެހެންކަމުން މަރުކަޒީ ބޭންކް، އެމްއެމްއޭއާއި ފުލުހުން ހުށަހަޅައިގެން ވެސް ވައިބާއިން މިފަދަ ފިޔަވަޅެއް އަޅާފައި އޮވެދާނެ ކަމަށް ބެލެވެއެވެ.




