މޯލްޑިވްސް މާކެޓިންގް އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ) މެދުވެރިކޮށް ހިންގި ހިޔާނާތުގެ ފައިސާ ލިބުނު ކަމަށް ތުހުމަތު ކުރެވޭ ޕޮޕިއުލާ މޯލްޑިވްސް ކުންފުނީގެ މައްޗަށް މަނީ ލޯންޑަރިންގެ ކުށުގެ ދައުވާ ކޮށްދޭން އެދި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހަށް މިއަދު ފޮނުވައިފިއެވެ.
އެނގިފައިވާ ގޮތުގައި ޕޮޕިއުލާ މޯލްޑިވްސްއަކީ ވިލުފުށި ދާއިރާގެ ކުރީގެ މެމްބަރު ރިޔާޒް ރަޝީދުގެ މަސްލަހަތު އޮންނަ ކުންފުންޏެކެވެ. އިކޮނޮމިކް މިނިސްޓްރީީގެ ބިޒްނަސް ޕޯޓަލް އިން ދައްކާ ގޮތުގައި އެ ކުންފުނީގެ ހިއްސާދާރުންގެ ގޮތުގައި ތިބީ ރީޝަމް ރިޔާޒާއި ރައުޝަމް ރިޔާޒެވެ.
އޭސީސީން މިއަދު ބުނި ގޮތުގައި ފެބްރުއަރީ 2014 އިން އޮކްޓޫބަރު 2015 ގެ ނިޔަލަށް ޓޫރިޒަމްގެ ބޭނުމަށް ރަށްތަކާއި ފަޅުތައް ކުއްޔަށް ދޫކޮށްގެން ދައުލަތަށް ލިބެންޖެހޭ ފައިސާގެ ތެރެއިން އެސްއޯއެފް ޕްރައިވެޓް ލިމިޓެޑުން ޕޮޕިއުލާ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ އެކައުންޓަށް ފައިސާ ޖަމާކޮށްފައިވާ ކަމަށެވެ.
އެގޮތުން ޖުލައި 13، 2015 ގައި އެސްއޯއެފްގެ ޗެކެއް މެދުވެރިކޮށް 150،000 އެމެރިކާ ޑޮލަރު ޕޮޕިއުލާ މޯލްޑިވްސްގެ ބޭންކް އެކައުންޓަކަށް ޖަމާކޮށްފައިވާކަން ތަހުގީގަށް ހޯދިފައިވާ ކަމަށް އޭސީސީން ބުންޏެވެ. އެއީ ޑޮލަރު ގަނެވިއްކުމުގެ މުއާމަލާތަކުން ލިބުނު ފައިސާ ކަމަށް ދެއްކުމަށް އެ ކުންފުނިން މަސައްކަތް ކޮށްފައިވާ ކަމަށް ވެސް ބުންޏެވެ.
އެ ކޮމިޝަނުން ބުނި ގޮތުގައި މި ފައިސާގެ އަސްލު އޮޅުވާލައި، ފައިސާއާ ގުޅޭ ހައްގުތައް ސިއްރު ކުރުމަށާއި ފައިސާ ލިބުނު ގޮތް އޮޅުވާލުމަށް ޕޮޕިއުލާ މޯލްޑިވްސް އިން މަސައްކަތް ކޮށްފައިވެއެވެ.
ތ. އޮޅުގިރިގެ އެކުއިޒިޝަން ކޮސްޓްގެ ގޮތުގައި ދައްކާފައިވާ ފައިސާއަކީ ކުށް ކޮށްގެން ހޯދާފައިވާ ފައިސާކަން ވެސް އޭސީސީގެ ތަހުގީގަށް ވަނީ ހޯދިފަ އެވެ. އޮޅުގިރި ކުއްޔަށް ދިނުމާގުޅޭ ގޮތުން ހަދާފައިވާ އެއްބަސްވުމުގައި، އެ އެއްބަސްވުމުގައި ސޮއިކުރާ ތާރީހުން ފެށިގެން 36 މަސް ދުވަހުގެ ތެރޭގައި އެ ރަށުގައި ރިސޯޓެއް ހަދައި، ތަރައްގީ ކުރަން ވާނެ ކަމަށާއި އެ މުއްދަތުގެ ތެރޭގައި އެ ކަންތައްތައް ފުރިހަމަ ކޮށްފައި ނުވާ ނަމަ ލިކުއިޑޭޓެޑް ޑެމޭޖަސް ނެގުމުގެ އިހުތިޔާރާއި އެއްބަސްވުން ބާތިލު ކުރުމުގެ އިހުތިޔާރު ޓޫރިޒަމް މިނިސްޓްރީ އަށް ދީފައިވާ ކަމަށް ބަޔާންކޮށްފައިވެއެވެ.
ނަމަވެސް އެއްބަސްވުމުގައި ބަޔާންކޮށްފައިވާ ކަންކަން ފުރިހަމަ ނުވާ ކަމަށް އޭސީސީން ބުންޏެވެ.




