”އަދަދު“ ނޫހުގެ ސީއީއޯ ހުސައިން ފިޔާޒު މޫސާ އަދި އެ ނޫހުގެ އެޑިޓަރު ހަސަން މުހައްމަދުގެ މައްޗަށް ގަޒުފު ކުރުމުގެ ދައުވާ އުފުލައިފިއެވެ.
ޕްރޮސިކިއުޓާ ޖެނަރަލްގެ އޮފީހުން އެ ދެ ނޫސްވެރިންގެ މައްޗަށް ޖިނާއީ ދައުވާ އުފުލައި، ކްރިމިނަލް ކޯޓަށް ފޮނުވީ އިއްޔެ އެވެ.
އެ ކޯޓުން ވަނީ މައްސަލައިގެ ޝަރީއަތް ސިއްރު ކޮށްގެން ކުރިއަށް ގެންދަން ނިންމައިފައެވެ. އާންމު އުސޫލުން މި ބާވަތުގެ މައްސަލަތައް ކޯޓުގައި ކުރިއަށް ގެންދަނީ ވެސް އާންމުކޮށް ހުޅުވައިނުލައެވެ.
ފިޔާޒާއި ހަސަންގެ މައްޗަށް ދައުވާ އުފުލައި، ޝަރީއަތް ހިނގާއިރު ވަކި ގޮތަކަށް އަމަލު ކުރަން އަންގާ އަމުރަކަށް ދައުލަތުން އެދިފައިވެ އެވެ. އެ އަމުރު ވެސް ކްރިމިނަލް ކޯޓުގެ ގާޒީ މުޒައްމިލު ނާސިރު ވަނީ ނެރުއްވައިފައެވެ.
އާންމުކޮށް އެންމެންގެ މައްޗަށް ކްރިމިނަލް ކޯޓުން ނެރުނު އަމުރުގައި އަންގާފައިވާ ކަންކަން:
° ”އަދަދު“ ނޫހުން އާންމުކުރި ވީޑިއޯ ޑޮކިއުމެންޓްރީ މުޖުތަމައުގެ ތެރޭގައި ދައުރު ނުކުރުމަށް.
° ޑޮކިއުމެންޓްރީގައިވާ އެއްވެސް ވާހަކައެއް ސީދާ ގޮތުންނާއި ނުސީދާ ގޮތުން ވެސް ނުދެއްކުން.
° ޑޮކިއުމެންޓްރީއާ ގުޅުވައި މައްސަލައިގެ ހަސްމަކާއި ނުވަތަ ކުށުގެ ޝިކާރައަކަށްީ މީހާގެ އެއްވެސް ވާހަކައެއް ނުދެއްކުން.
° މައްސަލައިގައި ހުށަހަޅާފައިވާ ލިޔުންތަކާއި ޝަރީއަތާ ގުޅުން ހުރި މައުލޫމާތުތައް ނުފެތުރުން.
މިއިން ކޮންމެ ކަމަކީ ކޯޓުގެ ހުރުމަތް ކެނޑުން ކަމުގައި ބެލެވޭނެ ކަމަށް ވެސް އަމުރުގައި ބަޔާންކޮށްފައިވެއެވެ.
ކްރިމިނަލް ކޯޓުން އިއްޔެ ނެރުނު އަމުރުގައި ބުނީ ގަޒުފުގެ ކުށަކީ އިސްލާމީ ޝަރީއަތުގައި ބޮޑެތި ފާފަތަކުގެ ތެރެއިން ފާފަފއަކަށް ވާއިރު، އެކަން ހަރުކަށި އިބާރާތުން ނަހީ ކުރައްވައި، ހަރުކަށި އަދަބު ކަނޑައަޅާފައިވާ ކަމަށެވެ. އެކަން އެހާ ބޮޑަށް ނަހީ ކުރައްވާފައިވަނީ އަބުރު ރައްކާތެރި ކުރުމަށާއި އިއްޒަތުއް ނަފުސު ރައްކާތެރި ކުރުމުގެ ގޮތުން ކަމަށް އަމުރުގައި ބަޔާންކޮށްފައިވެއެވެ.




