ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް ހިންގަވާ ޕާޓީ، ޕީއެންއެފްގެ ސަޕޯޓަރުން މަގުމަތީގައި ހިންގާ ހަރަކާތްތަކުގައި ސިޔާސީ ޕާޓީތަކުން އަމަލުކުރަން ޖެހޭ ސުލޫކީ މިންގަނޑާ ހިލާފު ކަންކަން ކުރަމުންދާ ކަމަށް ބުނެ އެ ޕާޓީ 100،000 ރުފިޔާއިން ޖޫރިމަނާކޮށްފިއެވެ.
މިދިޔަ މާރިޗް މަހުގެ 28 ވަނަ ދުވަހު ”އަދަދު“ ނޫހުން ގެނެސްދިން ޑޮކިއުމަންޓަރީއެއްގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ މައްޗަށް އަހުލާގީ ގޮތުން ދަށް އަމަލުތަކެއް ހިންގި ކަމަށް ތުހުމަތުކުރި ފަހުން ޕީއެންއެފްގެ ސަޕޯޓަރުން ބާއްވާ ހަރަކާތްތަކުގައި ދަނީ ތަކުރާރުކޮށް އެ ވާހަކަ ދައްކަމުންނެވެ. އަދި ކޮންމެ ރެއަކު، މަގުމައްޗަށް ސޯފާއެއް ވެސް ނެރެ، ރައީސްއަށް ފުރައްސާރަ ކުރަމުންވެސް ގެންދެއެވެ.
އެ ހަރަކާތްތަކުގައި ސިޔާސީ ޕާޓީއަކުން ގެންގުޅެން ޖެހޭ ސުލޫކީ މިންގަނޑާ ހިލާފު އަމަލުތަކެއް ހިންގާ ކަމަށް ބުނެ އިލެކްޝަންސް ކޮމިޝަން (އީސީ)ން މީގެކުރިން ވެސް އޮތީ ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު، ޕީއެންއެފްއަށް ދީފައެވެ.
އީސީގެ ނައިބު ރައީސް އަބްދުއްރަހުމާން ސަލާހް ރަޝީދު ސޮއިކުރައްވައި ޕީއެންއެފްގެ ލީޑަރު ރައީސް ޔާމީނަށް ފޮނުއްވި ސިޓީގައިވަނީ، ޕީއެންއެފުން ބާއްވާ އާންމު ބައްދަލުވުންތަކަށް ސިޔާސީ ޕާޓީތަކުގެ ގަވާއިދުގައިވާ ގޮތުގެ މަތިން އެ ކޮމިޝަނުން ހޯދަން ޖެހޭ ހުއްދަ ނުހޯދާ ކަމަށެވެ.
ޕީއެންއެފުން ސިޔާސީ ޕާޓީތަކުގެ ގާނޫނާއި ގަވާއިދާ ތަކުރާރުކޮށް ހިލާފުވަމުންދާ ކަމާއި އެ ހަރަކާތްތަކުގައި ސުލޫކާ ހިލާފު ކަންކަން ފެންނާތީ ކޮމިޝަނަށް ޖަވާބުދާރީވާން ބައްދަލުވާން އެދުމުން ޖަވާބު ނުދީ، ބައްދަލުވުމަށް އިންކާރުކޮށްފައިވާ ކަމަށް ވެސް އީސީގެ ސިޓީގައިވެއެވެ.
އެހެންކަމުން ޕީއެންއެފް 100،000ރ. އިން ޖޫރިމަނާކޮށްފައިވާ ކަމަށާއި އަދި ކުރިއަށް އޮތް ތަނުގައި އެކަން ތަކުރާރުކުރާނަމަ، އެ އަމަލެއް ހިންގާ މީހުންނާ މެދު ވެސް ގާނޫނީ ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ވެސް ވަނީ ދީފައެވެ.
އީސީއަށް ޕީއެންއެފުން ކުރިން ދިން ޖަވާބުގައި ބުނެފައިވަނީ އެ ޕާޓީން މަގުމަތީގައި އެއްވެސް ހަރަކާތެއް ނުހިންގާ ކަމަށާއި އެ ޕާޓީން ހަމައެކަނި ހިންގާ ހަރަކާތަކީ އެ ޕާޓީގެ އޮފީހުގައި ބާއްވާ ޓައުންހޯލް ޖަލްސާތައް ކަމަށެވެ. އެހެންވެ އެ ޖަލްސާތަކުގައި ހިނގި ގާނޫނާއި ގަވާއިދާ ހިލާފު ކަމެއް އޮތް ނަމަ ފާހަގަކޮށްދިނުމަށް އެ ޕާޓީން އެދިފައިވެއެވެ.




