ޒާތީ މައުލޫމާތު އެއްކޮށް ބަލަހައްޓައި ބޭނުންކުރުމުގައި އަމަލުކުރަންޖެހޭ ގާނޫނީ އޮނިގަނޑެއް ހަދަން ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ބިލެއް މިއަދު ހުށަހަޅައިފިއެވެ.
”ޒާތީ މައުލޫމާތު ރައްކާތެރިކުރުމުގެ ބިލު“ ގެ ނަމުގައި ސަރުކާރުގެ ފަރާތުން ހުށަހަޅައިދެއްވީ ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ހުޅަނގު ދާއިރާގެ ޕީއެންސީ މެންބަރު އަލީ އިބްރާހީމް އެވެ.
އެ ބިލުގެ މަގުސަދަކީ ޒާތީ މައުލޫމާތު އެއްކުރުމާއި ޕްރޮސެސްކުރުމާއި ބޭނުންކުރުމުގެ ނިޒާމެއް ގާއިމްކޮށް، މައުލޫމާތު ނިސްބަވްތާ މީހުންގެ ހައްގުތަކާއި މައުލޫމާތު ބޭނުންކުރާ މީހުންގެ ޒިންމާތައް ކަނޑައަޅައި ރެގިއުލޭޓްކުރުމާ ބެހޭ އުސޫލުތައް ބަޔާންކުރުން ކަމުގައި އެ ބިލުގައިވެއެވެ.
އެ ބިލުގެ ފުރަތަމަ ކިއުން ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައިވަނީ އިއްވައިފައެވެ.
ބިލުގައި ހިމެނޭ މުހިއްމު ބައެއް ބައިތަކަކީ:
° ބޭރުގައުމުތަކާއި ބައިނަލްއަގުވާމީ އިދާރާތަކާއި ކްރޮސް-ބޯޑާ ފަރާތްތަކަށް ޒާތީ މައުލޫމާތު ޓްރާންސްފާ ކުރުމާ ގުޅޭ އުސޫލުތައް ކަނޑައެޅުން.
° މައުލޫމާތެއްގެ ސިއްރުކަން ގެއްލޭ (ޑޭޓާ ބްރީޗް އެއް މެދުވެރިވާ) ހާލަތުގައި އަމަލުކުރާނެ އުސޫލުތައް ކަނޑައެޅުން.
° ގާނޫނު ހިންގަން އުފައްދާ ”ޕްރައިވެސީ ކޮމިޝަނަރު“ގެ ދައުރު އަދާކުރާނެ ފަރާތެއް ކަނޑައަޅައި އެ މަގާމުގެ މަސްއޫލިުއްޔަތުތަކާއި ބާރުތައް ކަނޑައެޅުން.
ސަރުކާރުން ހުށަހެޅި އެ ބިލުުގައިވާ ގޮތުން އެ ބިލު ގާނޫނަކަށް ވުމަށްފަހު، އެ ގާނޫނު ތަންފީޒުވާކަން ކަށަވަރުކުރުމުގެ ގޮތުން ކުރަންޖެހޭ ގިނަ ކަންތައްތަކަކީ ޕްރައިވެސީ ކަމިޝަނަރުގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި ހިމެނޭނެ ކަންތައްތަކެވެ.
ޒާތީ މައުލޫމާތުގެ ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށް ހަމަޖައްސަން ޖެހޭ އިންތިޒާމުތަަކާއި ވަސީލަތްތައް ހަމަޖެއްސުމަކީ ވެސް އެ ބިލުގައިވާ ގޮތުން ޕްރައިވެސީ ކޮމިޝަނަރުގެ މަސްއޫލިއްތެކެވެ. މީހުންގެ ޒާތީ މައުލޫމާތުގެ ސިއްރުކަން ގެއްލޭ ހާލަތްތަކުގައި ދައުލަތުގެ އިދާރާތަކުން އަމަލުކުރަންވީ ގޮތުގެ ލަފާ ވެސް ދޭނީ ކަމިޝަނަރެވެ.



