ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ މައްޗަށް އަހުލާގީ ގޮތުން ދަށް އަމަލުތަކެއް ހިންގި ކަމަށް ތުހުމަތުކޮށް ”އަދަދު“ ނޫހުން ނެރުނު ޑޮކިއުމަންޓަރީ ދައުރުނުކުރުމަށާއި އެކަމާ ގުޅޭ ވާހަކަތައް ދެއްކުން މަނާކޮށް ކްރިމިނަލް ކޯޓުން ނެރުނު އަމުރަށް ތަބާވާން މީޑިއާތަކަށް މީޑިއާ އެންޑް ބްރޯޑްކާސްޓިންގް ކޮމިޝަނުން މިއަދު އަންގައިފިއެވެ.
ކްރިމިނަލް ކޯޓުން މި ގެގް އޯޑަރު ނެރުނީ، ރައީސް މުޢިއްޒު ގަޒުފުކުރި ކަމަށް ތުހުމަތުކޮށް ”އަދަދު“ ނޫހުގެ ސީއީއޯ ހުސައިން ފިޔާޒު މޫސާ އާއި އެ ނޫހުގެ މެނޭޖިން އެޑިޓަރު ހަސަން މުހައްމަދުގެ މައްޗަށް ދައުވާކޮށް، ޕްރޮސެކިއުޓަ ޖެނެރަލް (ޕީޖީ) އޮފީހުން އެދިގެންނެވެ.
އެގޮތުން ކްރިމިނަލް ކޯޓުން އަމުރުކޮށްފައިވަނީ މި މައްސަލާގައި ކޯޓުން ވަކި ގޮތެއް ކަނޑައަޅަންދެން ”އައިޝާ“ ޑޮކިޔުމެންޓްރީ ދައުރު ނުކުރުމަށާއި ސީދާ ގޮތުންނާއި ނުސީދާ ގޮތުން ވެސް ޑޮކިޔުމެންޓްރީގައި ދައްކާފައިވާ އެއްވެސް ވާހަކައެއް އެއްވެސް މީހަކު ނުދެއްކުމުގެ އިތުރުން ޑޮކިއުމެންޓްރީއާ ގުޅުވާ މައްސަަލައިގެ ހަސްމަކަށް ނުވަތަ ކުށުގެ ޝިކާރައަކަށްވި މީހާގެ އެއްވެސް ވާހަކައެއް އެއްވެސް މީހަކަށް ނުދެއްކުމަށެވެ.
މިއީ ކޯޓުގައި ސިއްރުން ކުރިއަށް ގެންދާ މައްސަލަތަކެއް ކަމުން، މައްސަލާގައި ހުށަހަޅާފައިވާ ލިޔުންތަކާއި ޝަރީއަތާ ގުޅުން ހުރި ވާހަކަތައް ނުފެތުރުމަށް ވެސް ކޯޓުން އަންގާފައިވެއެވެ.
ކްރިމިނަލް ކޯޓުގެ އަމުރާ ގުޅިގެން ކޮންޓްރޯލް ކޮމިޝަނުން ވަނީ މީޑިއާތަކަށް ސާކިއުލާއެއް ފޮނުވާފައެވެ.
”މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޝަންގެ ގާނޫނުގައި ބުނާ އެންމެހާ މީޑިއާތަކުން ކޮންޓެންޓް އާންމުކުރުގައި އިސްވެ ދެންނެވުނު ގަޒިއްޔާގައި ފާހަގަކޮށްފައިވާ ކަންކަމާ އެއްގޮތްވާ ގޮތުގެ މަތިން އަމަލުކުރުމަށް މީޑިއާގެ ބެލެނިވެރި ފަރާތުގެ ހައިސިއްޔަތުން އަންގަމެވެ،“ ކޮމިޝަނުގެ ސާކިއުލާގައިވެއެވެ.
މި މައްސަލާގައި ފިޔާޒާއި ހަސަންގެ މައްޗަށް ދައުވާކުރިއިރު، އެ ދެ މީހުންގެ އިތުރުން ރައީސް އޮފީހުގައި ކުރިން މަސައްކަތްކުރި އައިޝަތު އީޝާ އަޝްރަފް ވެސް ތަހުގީގަށް ބަޔާން ދޭން ފުލުހަށް ވަނީ ހާޒިރުކޮށްފައެވެ. މި މައްސަލާގައި އީޝާގެ މައްޗަށް ވެސް ގަޒުފު ކުރުމުގެ ތުހުމަތު ފުލުހުން ކުރި ނަމަވެސް އަދި އޭނާގެ މައްޗަށް ދައުވާއެއް ނުކުރެއެވެ.




