އައްޑޫ ސިޓީއަކީ ވިޔަފާރިވެރިންގެ ހަބެއްގެ ގޮތުގައި ތަރައްޤީކޮށް، އެ ސިޓީގެ އިޤްތިޞާދަށް ހަލުވި ބަދަލުތަކެއް ގެނައުމަށްޓަކައި ސަރުކާރުން ބާއްވާ ބިޒްނަސް ފޯރަމްގައި ބައިވެރިވުމަށް 500 އަށްވުރެ ގިނަ ފަރާތުން ރަޖިސްޓްރީކޮށްފައިވާ ކަމަށް އިކޮނޮމިކް އެންޑް ޓްރާންސްޕޯޓު މިނިސްޓަރު މުޙައްމަދު ސައީދު ވިދާޅުވެެއްޖެއެވެ.
މި ފޯރަމަކީ ރައީސުލްޖުމްހޫރިއްޔާގެ ރިޔާސީ ބަޔާނުގައި ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ކުރިއެރުވުމަށް ދެއްވާފައިވާ އިސްކަމުގެ ދަށުން ކުރިއަށްގެންދާ ހަރަކާތެކެވެ.
ރައީސް އޮފީހުގައި މިއަދު ހެނދުނު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ސައީދު ވިދާޅުވީ، އައްޑޫ ސިޓީއަށް އެކްސްލެރޭޓެޑް ޑިވެލޮޕްމެންޓެއް ނުވަތަ ހަލުވި ތަރައްޤީއެއް ގެނައުމަށްޓަކައި 2027 އިން 2029 އަށް ޚާއްސަ އިނާޔާތްތަކެއް ދިނުމަށް ސަރުކާރުން މަސައްކަތްކުރަމުންދާ ކަމަށެވެ. މި ބިޒްނަސް ފޯރަމްގެ މައިގަނޑު ބޭނުމަކީ ވިޔަފާރިވެރިންގެ ހުރި ކަންބޮޑުވުންތަކާއި އެފަރާތްތަކުން އެންމެ ބޭނުންވާ ކަންކަން ދެނެގަތުން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
”ވަޒީރުންގެ މަޖިލީހުގައި ވަރަށް ބޮޑަށް އެ ވާހަކަތައް ދެކެވި، ކޮބާތޯ ރަނގަޅު ނަތީޖާއެއް ނެރުމަށް އައްޑޫއަށް ޚާއްސަކޮށްގެން ދެވިދާނެ އިނާޔަތްތަކަކީ ކޮބާތޯ ކުރެވޭނެ ކަންތައްތައް ދެނެގަތުމަށް. މިސާލަކަށް ފަތުރުވެރިކަމާއި، ދަނޑުވެރިކަމާއި، މަސްވެރިކަމާއި، އެސްއެމްއީ އަދި ރީޓެެއިލްފަދަ ދާއިރާތަކަށް ޚާއްސަ ކަންތައްތަކެއް ކޮށްދިނީމަ އެ އަތޮޅުގައި ވިޔަފާރީގެ ކުރިއެރުމެއް އަންނަ ކަންތައްތައް ދެނެގަތުމުގެ މަސައްކަތްތައް ކުރުމަށް މަސައްކަތް ފެށުން. މިކަން ކުރާނީ ކިހިނެއްތޯ ބަލަން މަހާސިންތާ ބާއްވަނީ.“ އިކޮނިމިކް މިނިސްޓަރު ސައީދު ވިދާޅުވިއެވެ.




