މާލެހިޔާ-2 ގެ ސަރަހައްދުން ކުނި ނަގަމުން ދަނިކޮށް، އެ އިމާރާތުގެ މަތިން މީހަކު އެއްލާލި ކުނިކޮތަޅެއް މާލޭ ސިޓީ ކައުންސިލުގެ މުވައްޒަފެއްގެ ބޮލުގައި ޖެހި އެ މުވައްޒަފަށް އަނިޔާވެއްޖެއެވެ.
ސިޓީ ކައުންސިލުން އެ މުވައްޒަފުގެ ފޮަޓޯއާއެކު އިއްޔެ ސޯޝަލް މީޑިއާގައި އާއްމުކުރި ޕޯސްޓެއްގައި ބުނެފައިވަނީ، މާލެ ސިޓީގެ މުއައްޒަފުން މާލެ ހިޔާ-2ގެ، ކުނި އަޅާ ސަރަޙައްދުން ކުނި ނެގުމުގެ މަސައްކަތް ކުރަމުން ދަނިކޮށް، އެ އިމާރާތުގެ ފްލެޓެއްގެ ބަދިގެއާ ވީފަރާތު ބެލްކަނިން، ހަޑިވެފައި ހުރި ކާ އެއްޗިއްސާ އެކި ބާވަތުގެ ކުނި އަޅާފަހުރި ކޮތަޅެއް ތިރިއަށް ވައްޓާލި ކަމަށެވެ.
އެ ކޮތަޅު އެވަގުތު އެތަނުގައި މަސައްކަތްކުރަމުންދިޔަ މާލެ ސިޓީ ކައުންސިލްގެ މުއައްޒަފެއްގެ ބޮލުގައި ޖެހި، އެ މީހާގެ ބޯ ދުޅަވެ، އެ މީހާއަށް އަނީޔާވެފައިވާ ކަމަށް ވެސް ބުނެފައިވެއެވެ.
”މާލެ ހިޔާ ފްލެޓްތުގެ ކުނި، މާލެ ސިޓީ ކައުންސިލުން ޤަވާއިދުން ނަގަމުން ދަނިކޮށް، މި ފަދަ ނާ ތަހުޒީބު ދަށު ދަރަޖައިގެ އަމަލު ހިންގުމަކީ، އެއް ވެސް ގޮތަކުން ބަލައިގަނެވޭނެކަމެއް ނޫން“ ކައުސިލުން ބުނެފައިވެއެވެ.
މާލެސިޓީ ކައުންސިލުން ވަނީ، މި ފަދަ ވިޔާނުދާ އަމަލުތައް ތަކުރާރު ނުކުރުމަށް ވެސް އިލްތިމާސް ކޮށްފައެވެ.



