ފުރާނައަށް ނުރައްކާތެރި ހަންޓާ ވައިރަސްގެ ކޭސްއެއް ކެނެޑާއިން ވެސް ފެނިއްޖެއެވެ.
ކެނެޑާ ސަރުކާރުން އިއްޔެ ބުނީ، ހަންޓާ ވައިރަސް އެންމެ ފުރަތަމަ ފެނުނު ކްރޫޒްލައިނަރުން ދަތުރުކުރި އެ ޤައުމުގެ ހަތަރު މީހަކު ދެނެގަނެ އެމީހުން އެކަހެރިކޮށް ތަހުލީލުތައް ހެދި ކަމަށެވެ. އަދި އޭގެ ތެރެއިން އެކަކުގެ ގައިން އެ ވައިރަސް ފެނިފައިވާކަމަށް ވެސް ރިޕޯޓުތަކުން ބުނެފައިވެއެވެ.
ނޫސް ކޮންފަރެންސެއްގައި ވާހަކަ ދައްކަވަމުން، ބްރިޓިޝް ކޮލަމްބިއާގެ ޕްރޮވިންޝިއަލް ހެލްތު އޮފިސަރު ޑރ. ބޮނީ ހެންރީ ވިދާޅުވީ ހަންޓާ ވައިރަސްއަށް ޕޮޒިޓިވްވި މީހާގެ ގައިން މީގެ ދެ ދުވަސް ކުރިން ފެނުނީ ކުދި އަލާމާތްތަކެއް ކަމަށާއި އޭގެ ތެރޭގައި ބޮލުގައި ރިއްސުމާއި ހުން އައުން ހިމެނޭ ކަމަށެވެ.
ހަންޓާ ވައިރަސް އަށް ޕޮޒިޓިވްވި މީހާއާއި އެމީހާއާއެކު އެ ކްރޫޒްލައިނަރުން ދަތުރުކުރި އޭނާގެ ބައިވެރިޔާވެސް އެކަހެރިކުރުމަށްފަހު މިހާރު އިތުރު ތަހުލީލުތައް ހެދުމަށް ވިކްޓޯރިއާގައި ހުންނަ ހޮސްޕިޓަލަކަށް ވަނީ ބަދަލުކޮށްފައެވެ.
ޑރ. ހެންރީ ބުނީ މިއީ އެއްވެސް މީހަކު އުއްމީދުކުރި ގޮތެއް ނޫން ކަމަށާއި އެހެންނަމަވެސް މިކަމާ ގުޅިގެން އަޅަންޖެހޭ ހުރިހާ ފިޔަވަޅުތަކެއް އެޅުމުގެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށެވެ.
މީގެއިތުރުން ކެނެޑާއިން ޕޮޒިޓިވްވި މީހާގެ ހާލު ރަނގަޅު ކަމަށާއި ނަމަވެސް އޭނާއާއި އިތުރު މީހުން ވެސް އެކަހެރިކޮށް، ބަލަންޖެހޭ ކަންކަން ރަނގަޅަށް ބަލަމުންދާ ކަމުގައި ޑރ. ހެންރީ ވިދާޅުވެފައިވެއެވެ.
ހަންޓާ ވައިރަސް އެންމެ ފުރަތަމަ ފެނިފައިވަނީ ސިންގަޕޫރުންނެވެ. އެކަން ހާމަވީ މި މެއި މަހުގެ 7 ވަނަ ދުވަހުގައެވެ. ރިޕޯޓުތަކުން އެއިރު ބުނި ގޮތުގައި މި ވައިރަސް ޖެހިފައިވާކަމަށް ބެލެވޭ ސިންގަޕޫރުގެ ދެ ފިރިހެނުންވެސް ވަނީ އެމްވީ ހޮންޑިއަސް ނަމަކަށް ކިޔާ ކްރޫޒްލައިނަރުގައި އެއްކޮށް ދަތުރުކޮށްފައެވެ. އަދި މިވަގުތު އެ ދެމީހުން ވެސް ތިބީ ނޭޝަނަލް ސެންޓަރ ފޮ އިންފެކްޝަސް ޑިޒީޒަސް (އެންސީއައިޑީ) ގައި އެކަހެރި ކޮށްފަ ކަމަށް ވެސް ރިޕޯޓުތަކުން ބުނެއެވެ.



