ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ކާޑުގެ މުއާމަލާތްތަކަށް ދޫކުރާ ޑޮލަރުގެ 65 ޕަސެންޓް ހޭދަކުރަނީ އީކޮމާސް ވެބްސައިޓްތަކަށް ކަމަށް ބީއެމްއެލްގެ ސީއީއޯ މުހައްމަދު ޝަރީފު މިއަދު ވިދާޅުވެއްޖެއެވެ.
ހޮޓެލް ޖެންގައި ބޭއްވި ”ޗެޓް ވިތު ސީއީއޯ“ ގައި ޝަރީފު ވިދާޅުވީ ޑޮލަރުގެ މުއާމަލާތްތަކުގެ މިންވަރު މިދިޔަ ފަސް އަހަރުގެ ތެރޭގައި ހަތަރު ގުނައަށް އިތުރުވި ކަމަށެވެ.
ޝަރީފް ވިދާޅުވީ އެވްރެޖްކޮށް ކޮންމެ މަހަކު 39.3 މިލިއަން ޑޮލަރު (600 މިލިއަނަށް ވުރެ ގިނަ ރުފިޔާ) ރުފިޔާ އެކައުންޓްތަކުން ހިންގާ މުއާމަލާތްތަކަށް ވިއްކާ ކަމަށާއި އޭގެ ތެރެއިން 25.5 މިލިއަން ޑޮލަރު (390 މިލިއަނަށް ވުރެ ގިނަ ރުފިޔާ) ގެ މުއާމަލާތްތައް ހިންގަނީ އީކޮމާސް ވެބްސައިޓްތަކަށް ކަމަށެވެ.
މީގެއިތުރުން ޝަރީފު ވިދާޅުވީ ކާޑު މެދުވެރިކޮށް ބޭރުގެ ވެބްސައިޓްތަކުން ތަކެތި ގަންނަ ކަސްޓަމަރުންގެ އަދަދު ދެ ގުނަ އިތުރުވިއިރު، މަހެއްގެ މައްޗަށް 250،000 އާއި 300،000 ކަސްޓަމަރުން ކާޑުތަކުން އެފަދަ މުއާމަލާތްތައް ހިންގާ ކަމަށެވެ.
”އީކޮމާސްގައި މި ރީޖަންގައި މުއާމަލާތް އެންމެ ގިނައިން ކުރެވޭ އެއް ގައުމަށް ވެގެންދާނެ ރާއްޖެ. މިދެންނެވީ ނިސްބަތުން. މި ހުރިހާ ކުރިއެރުންތަކާ އެކު ވެސް ދިމާވާ މައްސަލައަކީ މި މުއާމަލާތްތައް ކުރެވޭ ގޮތް،“ އޭނާ ވިދާޅުވިއެވެ.




