މޯލްޑިވްސް ފައިނޭންޝަލް އެކްސްޕޯއަށް ގޮސްގެން 25،000ރ. ގެ އަގުހުރި އިނާމެއް ލިބުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށް މޯލްޑިވްސް މޮނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ބުނެފިއެވެ.
އެމްއެމްއޭ އިން ބުނީ އެކްސްޕޯއަށް ޒިޔާރަތްކުރާ ނަސީބުވެރި އެއް ފަރާތަކަށް ގްރޭންޑް ޕްރައިޒެއްގެ ގޮތުގައި 25،000ރ. ލިބޭ އިރު އެހެން އިތުރު އިނާމުތައް ހޯދުމުގެ ފުރުސަތު ވެސް އޮންނާނެ ކަމަށެވެ.
އެކްސްޕޯ އޮންނަ ކޮންމެ ދުވަހަކު ފަސް އައިޕެޑް އިނާމުގެ ގޮތުގައި ދޫކުރާނެއެވެ. އަދި ކޮންމެ ދުވަހަކު 5،000ރ. ގެ ހަނދާނީ ނޫޓުގެ ހަތް ނޫޓު ދޫކުރާނެ އެވެ. މީގެ އިތުރުން ދެ މެކްބުކާއި ދެ އެޕަލް އެއާޕޮޑްގެ އިތުރުން ގެސްޓްހައުސްއެއްގައި ދެ މީހަކަށް ތިން ރޭގެ ފުލްބޯޑު ޕެކޭޖެއް ވެސް އެކްސްޕޯގެ ތެރެއިން ލިބޭނެ އެވެ.
މި އިނާމުތަކުގެ އިތުރުން، 5،000ރ. ތިން ގިފްޓް ކާޑާއި 1،000ރ. ގެ 12 ގިފްޓް ކާޑުގާއި 500ރ. ގެ 36 ގިފްޓް ކާޑު ވެސް އެކްސްޕޯއަށް އަންނަ ފަރާތްތަކަށް ލިބޭނެއެވެ.
މި އިނާމްތައް ދެނީ އެކްސްޕޯއަށް ޒިޔާރަތްކުރާ މީހުންގެ މެދުގައި ނަގާ ގުރުއަތުންނެވެ. އެކްސްޕޯ އޮންނާނީ ހުޅުމާލެ ސެންޓްރަލް ޕާކުގައި އަންނަ މަހުގެ 2 އިން 4 އަށެވެ.
މޯލްޑިވްސް ފައިނޭންޝަލް އެކްސްޕޯގެ މަގްސަދަކީ މާލީ ދާއިރާއަށް އާންމުން ހޭލުންތެރިކުރުވުމާއި، މާލީ ހިދުމަތްތައް އެންމެންނަށް ފަސޭހައިން ލިބޭނެ މަގު ފަހިކޮށްދިނުމުގެ އިތުރުން، ރާއްޖޭގެ މާލީ މުސްތަގުބަލު ބައްޓަންކުރަމުން އަންނަ އާ އީޖާދުތަކާއި ހިދުމަތްތައް ދައްކާލުމެވެ.




