ރާއްޖެއަށް އައި އިންޑިއާ މީހެއްގެ ލަގެޖުން މަސްތުވާތަކެތި ފެނުނު ކަމަށް ތުހުމަތުކުރެވޭ މައްސަލައެއްގައި ހައްޔަރުކުރުމުން، ރާއްޖެއަށް އައީ ލަގެޖެއް ނުލައި ކަމަށް އޭނާ ބުނެފިއެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ އެލީސް މައިކަލް ބަރަމްހޭން (29އ.) ނަމަކަށް ކިޔާ އިންޑިއާ އަންހެނެކެވެ. އޭނާ އައީ ހުސްއަތާ ކަމުގައި ބުނި ނަމަވެސް ލަގެޖުގައި ވަނީ އޭނާގެ ނަމާއި އެނޫން ވެސް މައުލޫމާތު ކަމަށް ފުލުހުން ކޯޓުގައި ބުންޏެވެ. އަދި ރާއްޖެއަށް އައީ ވެސް ލަގެޖު އައި ފްލައިޓުން ކަމަށް ބުންޏެވެ.
މަސްތުވާތަކެތި ފެނުނު ލަގެޖު އޮތީ ލަގެޖް ބެލްޓަށް ދޫކޮށްލައިފަ އެވެ.
އޭނާގެ ބަންދަށް 15 ދުވަސް އިތުރުކޮށް ކްރިމިނަލް ކޯޓުން ނެރުނު އަމުރުގައި ބުނީ އޭނާ އެ ކުށް ކުރި ކަމަށް ތުހުމަތުކުރެވޭ މިންވަރަށް ހެކި ހުށަހަޅާފައިވާ ކަމަށާއި އޭގެ ތެރޭގައި ފުލުހެއްގެ ބަޔާނާއި ތަހުގީގުކުރުމަށް ފުލުހުންނަށް ހުށަހަޅާ ފޯމު ލިބިފައިވާ ކަމަށެވެ.
ތުހުމަތުކުރެވޭ އެލީސް ބުނީ އޭނާ ރާއްޖެއަށް އައީ އެއްވެސް ލަގެޖެއް ނުލައި ކަމަށާއި ކެމެރާ ބަލައިފި ނަމަ އެކަން އެނގޭނެ ކަމަށެވެ.




