ރާއްޖޭގައި ކަށިމިޔަރުގެ މަސްވެރިކަމަށް ހުއްދަ ދީ ހުޅުވާލަން ސަރުކާރުން ނިންމައި އާންމުކުރި ގަވާއިދާއި ޕްލޭން ބާތިލްކުރަން ހުށަހެޅި ދުސްތޫރީ މައްސަލަ ބަލައިނުގަތުމަށް ހައި ކޯޓުގެ ރަޖިސްޓްރާ ނިންމެވި ނިންމުން އެ ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުން ބާތިލްކޮށްފިއެވެ.
ކަށިމިޔަރު މަސްވެރިކަމަށް ހުޅުވާލަން ސަރުކާރުން ނިންމީ، އެކަން ނުކުރުމަށް ތިމާވެށި ހިމާޔަތްކުރާ ޖަމިއްޔާތަކާއި ޖަމާއަތްތަކުންނާއި ގިނަ އަދަދެއްގެ ޑައިވަރުން ވެސް ގޮވާލަމުން ދަނިކޮށެވެ.
މި މައްސަލަ ސިވިލް ކޯޓަށް ހުށަހަޅާފައި ވަނީ ތިމާވެށި ހިމާޔަތް ކުރުމަށް މަސައްކަތް ކުރާ ދެ އެކްޓިވިސްޓުން ކަމަށްވާ ހުމައިދާ އަބްދުލްގަފޫރު އަދި މުހައްމަދު ސީނީންއެވެ.
ރާއްޖޭގައި ކަށިމިޔަރުގެ މަސްވެރިކަން ކުރުމަށް ހުޅުވާލުމަކީ ގާނޫނުއަސާސީ އަދި އެހެނިހެން ގާނޫނުތަކަކާ ވެސް ހިލާފަށް ނިންމާފައިވާ ނިންމުމެއް ކަމަށް ގަބޫލުކުރެވޭތީ ކަމަށް ބުނެ މި މައްސަލަ ފުރަތަމަ ހުށަހެޅީ މިދިޔަ ޑިސެމްބަރު ގައެވެ.
ކަށިމިޔަރުގެ މަސްވެރިކަމާ ބެހޭ މި ދުސްތޫރީ މައްސަލަ 2 ފަހަރެއްގެ މަތިން ހުށަހެޅުމުން ވެސް، ހައި ކޯޓުގެ ރަޖިސްޓްރާ މައްސަލަ ބަލައިގެންފައެއްނުވެ އެވެ. ރަޖިސްޓްރާ މައްސަލަ ބަލައިނުގަތީ، ދުސްތޫރީިި މައްސަލައަކަށް ވާނީ ގާނޫނެއް ނުވަތަ ގަވާއިދެއް ގާނޫނުއަސާސީއާ ހިލާފުވުމުން ކަމަށް ބުނެއެވެ.
އެ ނިންމުން މުރާޖައާކުރަން ފަނޑިޔާރުންގެ މަޖިލީހަށް ހުށަހެޅުުމުން މިދިޔަ ބުރާސްފަތި ދުވަހު ތިން ފަނޑިޔާރުންގެ މަޖިލީހަކުން މުރާޖައާކޮށް އިއްތިފާގުން ނިންމާފައިވަނީ، ކަށިމިޔަރުގެ ގަވާއިދު، ގާނޫނުއަސާސީގެ 22 ވަނަ މާއްދާއާ ހިލާފުވާ ސަބަބު ތަފްސީލީ ގޮތެއްގައި ބަޔާންކޮށްފައިވާތީ އެ މައްސަލަ ބަލައިގަންނަންޖެހޭ ކަމަށް ދެކޭ ކަމަށެވެ. އެހެންވެ، އެ މައްސަލަ އެ ކޯޓުގައި ކުރިއަށް ގެންދަންޖެހޭ ކަމަށް ކަނޑައެޅިއެވެ.
އެހެންކަމުން، އެ މައްސަލަ އަލުން ކޯޓަށް ހުށަހަޅަން 10 ދުވަހުގެ މުއްދަތެއް ލިބޭނެ އެވެ. އެ މުއްދަތުގެ ތެރޭގައި މައްސަލަ އަލުން ހުށަހަޅާނެ ކަމަށް އެ މައްސަލައިގެ ގާނޫނީ ޓީމުން ބުންޏެވެ.



