މި ސަރުކާރުން ސިނގިރޭޓަކުން ނަގާ ޑިއުޓީ 8 ރުފިޔާއަށް ބޮޑުކުރުމަށް 2024 ވަނަ އަހަރު ނިންމި ނިންމުން ބަދަލުކޮށް، ޑިއުޓީ 4 ރުފިޔާއަށް ކުޑަކުރުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރި ބިލު ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ތަސްދީގުކުރައްވައިފިއެވެ.
ސަރުކާރު ފަރާތުން އެކްސްޕޯޓް އިމްޕޯޓްގެ ގާނޫނަށް އެ އިސްލާހު ހުށަހެޅީ މިދިޔަ ހަފުތާގެ ހޯމަ ދުވަހެވެ. މި ބިލު އެ ހަފުތާގެ ބުދަ ދުވަހު ބަލައިގަނެ، ދިރާސާކުރަން ވަނީ މުޅި މަޖިލީހުގެ ކޮމިޓީއަށް ފޮނުވައިލައިފައެވެ. އެކަމަކު މާ ބޮޑު ދިރާސާއެއް ކުރުމެއްނެތި ބިލު ފާސްކުރަން ކޮމިޓީން ވަނީ ނިންމައިފައެވެ. އަދި، އިއްޔެގެ މަޖިލިސް ޖަލްސާގައި، ވޯޓުގައި ބައިވެރިވި 68 މެންބަރުންގެ އިއްތިފާގުން ބިލް ވަނީ ފާސްކޮށްފައެވެ.
އެއަށްފަހު، މިއަދު ރައީސް އޮފީހުން ބުނި ގޮތުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ އެ ބިލް ތަސްދީގުކުރައްވައިފައެވެ. އެއާއެކު، އެ އިސްލާހު ގެޒެޓުކޮށް، އަމަލުކުރަން ވެސް ވަނީ ފަށައިފައެވެ.
އެ ބިލުގައި ވަނީ، ދުންފަތުގެ އިސްތިޢުމާލުކުރުމުން ދުރުވުމަށް ޚާއްޞަކޮށް ތައްޔާރުކޮށްފައި ހުންނަ ނިކޮޓިން ޗުއިންގަމާއި ނިކޮޓިން ޕެޗާއި އެފަދަ އެހެނިހެން ބާވަތްތަކުން ޑިއުޓީ ދައްކަން ނުޖެހޭގޮތަށް ހިމަނައިފައެވެ.
ފާހަގަކުރެވޭ ގޮތުގައި، ނޮވެންބަރު 2024އިން ފެށިގެން ދުންފަތުން ނަގާ ޑިއުޓީ ބޮޑުކުރުމާއެކު، ދުންފަތުގެ އަގުތައް ވަނީ ވަރަށް ބޮޑަށް އުފުލިފައެވެ. އެގޮތުން ކުރިން 110 ރުފިޔާއަށް ލިބެމުން އައި ސިނގިރޭޓް ފޮއްޓެއްގެ އަގު ވަނީ 250 ރުފިޔާއަށް އަރައިފައެވެ.
އޭގެ ފަހުން ސިނގިރޭޓުގެ ވިޔަފާރި ދަށްވެފައިވާ ކަމަށް ބައެއް ވިޔަފާރިވެރިން އޭރު ބުންޏެވެ. ނަމަވެސް އެ ބަދަލާއެކު އިމްޕޯޓް ޑިއުޓީ ލިބުން ދަށްވެ ގައުމުގެ އާމްދަނީއަށް ވެސް އޭގެ އަސަރު ކުރި ކަމަށް، އެކަމާ ދެކޮޅަށް ވާހަކަދެއްކި ބައެއް ފަރާތްތަކުން ވެސް ބުނެފައިވެއެވެ.



