ކުޅިވަރުގެ ތެރެއިން އަޚްލާޤު ރަނގަޅު ޖީލެއް ބިނާކުރުމުގެ އަމާޒުގައި އުފެއްދި މަންފާ އެކެޑަމީ އިފްތިތާހުކޮށްފިއެވެ.
މި އެކެޑަމީ އިފްތިތާހުކޮށްދެއްވީ ޣިޔާޡުއްދީން އިންޓަރނޭޝަނަލް ސްކޫލްގައި ބޭއްވި ރަސްމިއްޔާތެއްގައި ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބުގެ ޓެކްނިކަނަލް ޑިރެކްޓަރ އަދި ތަޖުރިބާކާރު ފުޓްބޯޅަ ކޯޗު ޢަލީ ސުޒައިންއެވެ.
މަންފާ ޖަމިއްޔާގެ ކުޑައިގެ ދަށުން ވުޖޫދުވެގެން އައި މަންފާ އެކެޑަމީގެ ޗެއަރމަނެއްގެ ގޮތުގައި ހުންނަވާނީ މަންފާ ޖަމިއްޔާގެ ފައުންޑަރ އަދި ކުރީގެ ލަވަކިޔުންތެރިޔާ އަލީ ރަމީޒެވެ. އަދި ރައީސެއްގެ ގޮތުގައި ހުންނަވަނީ ވޮލީގެ ތަޖުރިބާކާރު ކޯޗް މުޙައްމަދު ސާޖިދްއެވެ.
ނައިބުންގެ ގޮތުގައި ތިއްބަވާނީ ތަޖުރިބާކާރު ފުޓުބޯޅަ ކޯޗް އަލީ ނިސްތާރު މުހައްމަދާއި މުޙައްމަދު ތައުފީގުގެ އިތުރުން ސްޕެޝަލް އޮލިމްޕިކްސް ކޯޗް އިބްރާހީމް ރަމީޒެވެ.
މަންފާ އެކެޑަމީ އިފްތިތާހްކުރުމުގެ ރަސްމިއްޔާތުގައި އެކެޑަމީގެ ރަސްމީ ޖާޒީ ވަނީ ސުޒައިންއަށް ހަދިޔާކޮށްފައެވެ.
މިރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އަލީ ރަމީޒް ވިދާޅުވީ މަންފާ އެކެޑަމީ ވާނީ ދިވެހި ކުޅިވަރުގެ ދާއިރާއަށް ނަމޫނާ، އަދި އިސްލާމީ ދައުވަތު އެ ދާއިރާއަށް ފޯރުކޮށްދިނުމުގައި މުހިންމު ބައިވެރިއަކަށްކަމަށެވެ.
މި އެެޑަމީއާ ގުޅޭގޮތުން ދައުލަތުގެ މީޑިއާއަށް މައުލޫމާތުދެއްވަމުން އެކެޑަމީގެ ނައިބު ރައީސް ނިސްތާރު ވިދާޅުވީ އެކެޑަމީގެ ކަންކަން ކުރިއަށްގެންދާނެ ގޮތްތަކާމެދު މަޝްވަރާކުރެވެމުންދާ ކަމަށާއި އެކެޑަމީ އިފްތިތާހުކުރުމާއެކު އަމަލީ މަސައްކަތް ފެށުމަށް ކުރަންޖެހޭ ކަންކަން ކުރަމުންދާކަމަށެވެ. އަދި އެކެޑަމީއަށް ކުދިން ވެއްދުމުގެ ފުރުސަތު ހުޅުވާނުލާކަމަށް އޭނާ މައުލޫމާތުދެއްވިއެވެ. ދާދި އަވަހަށް އެފުރުސަތު ހުޅުވާނެކަމަށާ އެކަން އާންމުކޮށް އަންގާނެކަމަށް ނިސްތާރު މައުލޫމާތުދެއްވިއެވެ.



