ހިމަބިހީގެ ނުރައްކާ އެންމެ ބޮޑީ 15 އަހަރާއި 35 އަހަރު ދެމެދު އުމުރުފާގެ މީހުންނަށް ކަމަށް އައިޖީއެމް ހޮސްޕިޓަލުގެ ކުޑަކުދިންގެ ޚާއްސަ ޑޮކްޓަރު، ޑރ. އަހުމަދު ފައިސަލް ވިދާޅުވެއްޖެއެވެ.
ރާއްޖޭގެ ނޭޝަނަލް އިމިއުނައިޒޭޝަން ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕްގެ ޗެއަރކަން ވެސް ކުރައްވާ ޑރ. ފައިސަލް މީސްމީޑިއާގައި ހިއްސާ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މިހާތަނަށް ހިމަބިހި ޖެހިގެން 72 ކޭސް ރިޕޯޓް ކޮށްފައިވާ ކަމަށެވެ. އޭގެ ތެރޭގައި 4 ކުޑަކުދިން ހިމެނޭއިރު، ބަލި ޖެހިފައިވާކަމަށް ރިޕޯޓުކޮށްފައިވާ އެންމެންނަކީވެސް 15 އަހަރާއި 35 އަހަރު ދެމެދު އުމުރުފުރާގެ މީހުން ކަމަށް އޭނާ ވިދާޅުވިއެވެ.
ޑރ. ފައިސަލް ވިދާޅުވީ ރާއްޖެއަށް ހިމަބިހި އެތެރެވުމުން ފެތުރުމުގެ ނުރައްކާ ބޮޑުވަނީ، ހިމަބިހީގެ ވެކްސިން 2 ޑޯސޭޖް ފުރިހަމަ ނުކުރާ ފަރާތްތަކަށް ކަމަށެވެ. މިކަން ފާހަގަކޮށް އޭނާ ވަނީ 2022 ވަނަ އަހަރު ދުނިޔޭގެ ސިއްޙަތު ޖަމިއްޔާއިން ރާއްޖޭގެ ވެކްސިންގެ ދެވިފައިވާ މިންވަރު އެނގޭ ދިރާސާއެއްގެ ބައެއް ހިއްސާކޮށްދެއްވާފައެވެ. އެގައިވާ ގޮތުން އާބާދީ 15 އަހަރާއި 20 އަހަރާއި ދެމެދު މީހުން ތެރެއިން 20 ވަރަކަށް އިންސައްތަ މީހުން ހިމަބިހިން ރައްކާތެރިވުމަށް ޖަހާ ވެކްސިންގެ ދެ ޑޯޒް ފުރިހަމަ ކޮށްފައި ނުވެއެވެ.
ޑރ. ފައިސަލް ވަނީ މި އުމުރުފުރައިގެ ފަރާތްތައް ވެކްސިން ޑޯސޭޖް ފުރިހަމަވެފައިވޭތޯ ޔަޤީން ކުރެއްވުމަށް އިލްތިމާސްކުރައްވާފައެވެ.



