މާލޭ ލޮނުޒިޔާރަތް މަގުގައި ހުރި ގެއެއްގައި އަލިފާނުގެ ހާދިސާއެއް ރޭގައި ހިނގައި، ދުމުގެ އަސަރުކޮށްގެން 28 މީހަކު ހޮސްޕިޓަލަށް ގެންގޮސްފިއެވެ.
އެމްއެންޑީއެފް އާއި ފުލުހުން ބުނީ ގ. ފުންފަޅުގޭގެ ހަތަރުވަނަ ފަންގިފިލާގައި ރޯވިކަމުގެ ރިޕޯޓް ލިބުނީ ރޭ 10:49 ހާއިރު ކަމަށެވެ.
އަލިފާންގަނޑު ނިއްވާލެވިފައިވަނީ ރޭ 11:48 ހާއިރެވެ.
ފުލުހުން ބުނީ މި ހާދިސާގައި ދުމުގެ އަސަރުކޮށްގެން 18 މީހަކު އައިޖީއެމްއެޗަށް ގެންގޮސްފައިވާއިރު، ތުއްތު ކުއްޖަކާއި އިތުރު ދެ މީހަކަށް ފަރުވާ ދިނުމަށް އޭޑީކޭ ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށެވެ.
”މި ހާދިސާއާ ގުޅިގެންނާއި ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން އެ އިމާރާތުން ނެރުނު އާއިލާތަކަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް ފުލުހުންނާއި ކަމާ ގުޅޭ މުއައްސަސާތަކުން ދަނީ ކުރަމުން،“ ފުލުހުން ބުންޏެވެ.
މި ހާދިސާ ހިނގަން މެދުވެރިވި ސަބަބު ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.



