ކްރިމިނަލް ކޯޓަށް ތިން ގާޒީއަކު ހޯދަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން މިއަދު އިއުލާންކޮށްފިއެވެ.
ޖިނާއީ މައްސަލަތައް ބެލުމުގެ އިހްތިސާސް އޮންނަ ކްރިމިނަލް ކޯޓުގެ ގާޒީ ކަމަށް ހުޅުވާލާފައިވާއިރު އެ މަގާމަށް މުސާރައިގެ ގޮތުގައި ލިބެނީ 37،700ރ. އެވެ. އަދި އެލެވަންސްގެ ގޮތުގައި 22،300ރ. އާއި މެޑިކަލް އިންޝުއަރެންސް ވެސް ލިބެ އެވެ.
ގާޒީ ކަމަށް ކުރިމަތިލެވޭނީ އިސްލާމީ ޝަރީއާ ނުވަތަ ގާނޫނު ނުވަތަ ގާނޫނާއި އިސްލާމީ ޝަރީއާގެ ރޮނގުން ފުރަތަމަ ޑިގްރީ ހާސިލުކޮށްފައިވާ ވުމާއެކު ފަނޑިޔާރުކަމުގައި ނުވަތަ ގާނޫނީ ވަކީލުކަން ކުރުމުގައި ނުވަތަ އެ ދެ ކަމުގައި މަދުވެގެން ތިން އަހަރު ދުވަހުގެ ތަޖްރިބާ ލިބިފައިވާނަމައެވެ.
އެ މަގާމަށް ކުރިމަތިލާން ހުޅުވާލާފައިވަނީ މިމަހުގެ 16 ވަނަ ދުވަހުގެ ނިޔަލަށެވެ.
ކްރިމިނަލް ކޯޓުން ގާޒީ ކަމުގެ މަގާމު ހުސްވެފައިވަނީ އެ ކޯޓުގައި ހުންނެވި ގާޒީ އިސްމާއިލް ޝަފީއު ހައި ކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަން ކުރެއްވުމާއި އެ ކޯޓުގެ ގާޒީ ކަމުގައި ހުންނެވި ހުސައިން ފާއިޒް ރަޝާދު މަގާމުން ވަކިކުރުމާ ގުޅިގެންނެވެ.
ކްރިމިނަލް ކޯޓުގައި މި ވަގުތު ތިއްބެވީ 12 ގާޒީންނެވެ




