މޯލްޑިވްސް ހައިޑްރޯ ސްޕޯޓްސް އެސޯސިއޭޝަން (އެމް.އެޗް.އެސް.އޭ) އިން އިޢުލާނުކޮށްފައިވާ ގޮތުގައި، ރަޝިޔާގެ މޮސްކޯގައި 2026 ޖުލައި 10 އިން 20 އަށް ބޭއްވުމަށް ހަމަޖެހިފައިވާ 5 ވަނަ ”އިންޓަރނޭޝަނަލް ފެސްޓިވަލް އޮފް އެކްސްޓްރީމް ވޯޓަރ-މޯޓަރ ސްޕޯޓްސް“ (ހައިޑްރޯފެސްޓް 2026) ގައި ރާއްޖެއިން ތަމްސީލުކުރާނެއެވެ.
މި ޝަރަފުވެރި ފެސްޓިވަލަކީ ދުނިޔޭގެ އެންމެ މޮޅު ހައިޑްރޯފްލައިޓް އަދި އެކްސްޓްރީމް ވޯޓަރ ސްޕޯޓްސް އެތުލީޓުން އެއްތަނަކުން ބައްދަލުވެ، އާ އީޖާދުތަކާއި، ކުޅިވަރުގެ ހުނަރުވެރިކަމާއި، އަލަށް ކުރިއަރަމުން އަންނަ ހުނަރުތައް ދައްކާލުމަށް ލިބޭ ހާއްސަ މަންސައެކެވެ.
މިއީ މި ފެސްޓުގައި ރާއްޖެއިން ބައިވެރިވާ ހަތަރު ވަނަ ފަހަރެވެ.
ރާއްޖޭގެ ވަފުދުގެ އިސްވެރިއެއްގެ ގޮތުގައި ހަރަކާތްތެރިވާނީ ފްލައިބޯޑިންގ އަދި ހައިޑްރޯފްލައިޓް ކުޅިވަރުތަކުގެ ބާނީގެ ގޮތުގައި ފާހަގަކުރެވޭ އިބްރާހިމް ޙުސައިން (އިއްބަޑޭ) އެވެ.

ވޭތުވެދިޔަ ދިހަވަރަކަށް އަހަރު ދުވަހުގެ ތެރޭގައި އޭނާގެ ދުރުވިސްނުމާއި ބުރަ މަސައްކަތުން، ރާއްޖޭގައި މި ކުޅިވަރު ތައާރަފުކޮށް އާލާކުރުމުގައި ބޮޑު ދައުރެއް އަދާކޮށްފައިވެއެވެ. މީގެ ސަބަބުން ދިވެހި އެތުލީޓުންގެ އާ ޖީލަކަށް ހިތްވަރު ލިބި، ބައިނަލްއަޤްވާމީ ހައިޑްރޯފްލައިޓް ޗާޓުން ދިވެހިރާއްޖެއަށް ޖާގައެއް ވަނީ ލިބިފައެވެ.

މި ކުޅިވަރަށް އޭނާ ކޮށްދީފައިވާ ޚިދުމަތްތަކުގެ އަގުވަޒަންކުރުމުގެ ގޮތުން، ފެސްޓިވަލް އިންތިޒާމުކުރާ ފަރާތްތަކުން ވަނީ މި މުބާރާތުގެ މައިގަނޑު އެއް ހައިލައިޓަރުގެ ގޮތުގައި ހަރަކާތްތެރިވުމަށް އިބްރާހިމް ޙުސައިންއަށް ދަޢުވަތު އަރުވާފައެވެ. އެގޮތުން އޭނާ ދުނިޔޭގެ އެންމެ ކުރިއަރާފައިވާ ހައިޑްރޯފްލައިޓް އެތުލީޓުންނާއެކު ހުނަރުތައް ދައްކާލައި، ދިވެހިރާއްޖެ ތަމްސީލުކުރާނެއެވެ.
އިއްބަޑޭއާއެކު މި ފެސްޓިވަލްގައި ބައިވެރިވާނީ ޕްރޮފެޝަނަލް ފްލައިބޯޑް ކެޓަގަރީން ވާދަކުރުމުގެ ފުރުސަތު ހޯދާފައިވާ އިބްރާހިމް ނާއިފް އެވެ. މިއީ ދިވެހި ހައިޑްރޯ ސްޕޯޓްސްއަށް ލިބުނު އިތުރު މުހިންމު ކުރިއެރުމެކެވެ. އޭނާގެ ބައިވެރިވުމުން ދޭހަވަނީ ރާއްޖޭގައި ވާދަވެރި ހައިޑްރޯފްލައިޓް ކުޅިވަރު ހަލުވިކަމާއެކު ކުރިއަރަމުން އަންނަކަމާއި، ބައިނަލްއަޤްވާމީ އެކްސްޓްރީމް ވޯޓަރ ސްޕޯޓްސްގައި ރާއްޖޭގެ ހިއްސާ އިތުރުވަމުންދާ ކަމެވެ.

ރަޝިއަން ސްޕޯޓްސް ފެޑެރޭޝަނުން ވަނީ އިބްރާހިމް ޙުސައިންގެ ބައިވެރިވުމަށް ބޭނުންވާ ބައިނަލްއަޤްވާމީ ދަތުރުފަތުރާއި ހުރުމުގެ ޚަރަދުތައް ދީލަތިކަމާއެކު ސްޕޮންސަރ ކޮށްދީފައެވެ. މޯލްޑިވްސް ހައިޑްރޯ ސްޕޯޓްސް އެސޯސިއޭޝަނުން މިހާރު ދަނީ އިބްރާހިމް ނާއިފްއަށް މި މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހޯދައިދީ، ބައިނަލްއަޤްވާމީ މައިދާނުގައި ފަޚުރުވެރިކަމާއެކު ޤައުމު ތަމްސީލުކުރުމަށް ބޭނުންވާ އެހީތެރިކަން ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.
”ހައިޑްރޯފެސްޓްގައި ދިވެހިރާއްޖެ ތަމްސީލުކުރުމަކީ އަޅުގަނޑުމެންގެ ޤައުމަށާއި، ވޭތުވެދިޔަ އަހަރުތަކުގައި ހައިޑްރޯފްލައިޓް ކުރިއެރުވުމަށް އެހީތެރިވެދިން އެންމެހާ ފަރާތްތަކަށް ލިބޭ ވަރަށް ބޮޑު ފަޚުރެއް. ޚާއްސަކޮށް، އިބްރާހިމް ނާއިފް ފަދަ އައު ޖީލެއްގެ އެތުލީޓަކު ބައިނަލްއަޤްވާމީ މައިދާނަށް ނުކުންނާތީ ފެނުމަކީ ލިބޭ ވަރަށް ބޮޑު އުފަލެއް. ރާއްޖޭގައި ހައިޑްރޯ ސްޕޯޓްސް ކުރިއަރުވައި، މި ފޯރިގަދަ ކުޅިވަރަށް އިތުރު ޒުވާނުން ނެރުމަށް އަޅުގަނޑުމެން އަބަދުވެސް ސާބިތުކަންމަތީ ދެމިތިބޭނަން.“ އިބްރާހިމް ހުސެއިން ވިދާޅުވިއެވެ.
މި ދެ އެތުލީޓުންގެ ބައިވެރިވުމުގެ ސަބަބުން ބައިނަލްއަޤްވާމީ ކުޅިވަރުގެ މައިދާނުގައި ރާއްޖޭގެ ނަން ކުރިއަރައި، ހައިޑްރޯފްލައިޓް އަދި އެކްސްޓްރީމް ވޯޓަރ ސްޕޯޓްސްއަށް ރާއްޖެއަކީ މަޤްބޫލުވަމުން އަންނަ މަންޒިލެއްގެ ގޮތުގައި އިޝްތިހާރުވެގެންދާނެއެވެ. އަދި މިއީ އަމިއްލަ ހުނަރުތައް ތަރައްޤީކޮށް، ޒުވާނުންނަށް ފުރުސަތުތައް ފަހިކޮށްދީ، ހައިޑްރޯ ސްޕޯޓްސްގެ ސަރަޙައްދީ މަރުކަޒަކަށް ރާއްޖެ ހެދުމަށް އެމް.އެޗް.އެސް.އޭ އިން ގެންގުޅޭ ފުޅާ ތަޞައްވުރާ އެއްގޮތްވާ ކަމެކެވެ.
މޯލްޑިވްސް ހައިޑްރޯ ސްޕޯޓްސް އެސޯސިއޭޝަނުން ހައިޑްރޯފެސްޓް 2026 ގެ އިންތިޒާމުކުރާ ފަރާތްތަކުން ވެދެމުންދާ މެދުނުކެނޑޭ އެހީތެރިކަމަށްޓަކައި އިޚްލާޞްތެރި ޝުކުރެއް އަދާކުރެއެވެ. އަދި މޮސްކޯގައި ދިވެހިރާއްޖޭގެ ދިދަ ފަޚުރުވެރިކަމާއެކު ވިހުރުވާލުމަށް ކެތްމަދުވެފައިވާ ކަމަށް ބުނެފައިވެއެވެ.
އެމް.އެޗް.އެސް.އޭ އަކީ ދިވެހިރާއްޖޭގައި ހައިޑްރޯފްލައިޓް އަދި އެކްސްޓްރީމް ވޯޓަރ ސްޕޯޓްސް ކުރިއަރުވައި އިޝްތިހާރުކުރުމަށް ކަނޑައަޅާފައިވާ ޤައުމީ އިދާރާއެވެ. މި އެސޯސިއޭޝަނުން މަސައްކަތް ކުރަނީ އެތުލީޓުން ތަރައްޤީކުރުމަށާއި، މުބާރާތްތައް އިންތިޒާމުކުރުމަށާއި، ސަލާމަތީ މިންގަނޑުތައް ހަރުދަނާކުރުމުގެ އިތުރުން ހައިޑްރޯ ސްޕޯޓްސްގެ ކުރިމަގުގެ މަންޒިލެއްގެ ގޮތުގައި ރާއްޖެ ބޭރުދުނިޔެއަށް ދެއްކުމަށެވެ.




