މިމަހުގެ 5 ވަނަ ދުވަހުގެ ރޭ ގ. ފުންފަޅު ގޭގައި ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން، ޖުމްލަ 109 މީހަކަށް އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށް 95،000ރ. ޚަރަދުކުރެވިފައިވާ ކަމަށް ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމެންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ހާމަކޮށްފިއެވެ.
ފުލުހުންނާއި އެމްއެންޑީއެފްއިން ކުރިން ވިދާޅުވި ގޮތުގައި، އެގޭގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން ރިޕޯޓުކުރީ އެ ރޭ 10:49 ހާއިރު ކަމަށެވެ. އަލިފާންގަނޑު ނިއްވާލެވިފައިވަނީ އެ ރޭ 11:48 ހާއިރެވެ.
ހާދިސާއާ ގުޅިގެން 28 މީހަކަށް ދުމުގެ އަސަރު ކޮށްގެން އެ ރޭ ހޮސްޕިޓަލަށް ގެންދިޔަ ކަމަށްވެސް ފުލުހުން ބުންޏެވެ.
އެންޑީއެމްއޭ އިން މިއަދު ބުނީ، ރޯވި އެ އިމާރާތުގެ 22 އެޕާޓްމަންޓެއްގައި ދިރިއުޅޭ 93 މީހަކަށް ދެ ދުވަހުގެ މުއްދަތަށް ވަގުތީ ބޯހިޔާވަހިކަމާއި ކެއިންބުއިމުގެ އިންތިޒާމު ހަމަޖައްސައިދީފައިވާ ކަމަށާއި މީގެ އިތުރުން، އަލިފާން ރޯވި 5 ވަނަ ފަންގިފިލާގެ ތިން އެޕާޓްމަންޓް (5އޭ، 5ބީ އަދި 5ސީ) ގައި ދިރިއުޅޭ 16 މީހަކަށް، ފަސް ދުވަހުގެ މުއްދަތަށް ބޯހިޔާވަހިކަމާއި ކެއިންބުއިމުގެ އެހީތެރިކަން ވަނީ ފޯރުކޮށްދީފައިވާ ކަމަށެވެ.
އެގޮތުން ޖުމްލަ 109 މީހުންނަށް އަސަރުކުރި މި ހާދިސާގައި، އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށް މިހާތަނަށް 95،000ރ (ނުވަދިހަ ފަސްހާސް) ރުފިޔާ ޚަރަދުކުރެވިފައިވާ ކަމަށާއި މި ހާދިސާގައި ލިބުނު ގެއްލުންތައް ދެނެގަތުމަށްޓަކައި ހަދަންޖެހޭ އެސެސްމަންޓް ހެދުމުގެ މަސައްކަތްތައަ ވެސް މިހާރު ކުރަމުންދާ ކަމުގައި ވެސް އެ އޮތޯރިޓީން ބުންޏެވެ.




