އެއްވެސް ސަބަބެއް ނެތި ދަރިވަރުން ސްކޫލަށް ނުދިއުން ބަލައިނުގަނެވޭ ކަމަށާއި މިނިސްޓްރީން އެކަމަށް ފިޔަވަޅު އަޅާނެ ކަމަށް، އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާޢީލް ޝަފީޢު މިއަދު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މިލަންދޫ ދާއިރާގެ މެންބަރު ޙަސަން މުފީދު ޢަބްދުލްޤާދިރު ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުން ޝަފީޢު ވިދާޅުވީ، މިދިޔަ ޖޫން މަހާއި އޭގެ ކުރިންވެސް ސަރުކާރުން ކުރި މަސައްކަތްތަކާއެކު ސްކޫލުތަކަށް ދަރިވަރުންގެ ހާޒިރީ އެޑިއުކޭޝަން މިނިސްޓްރީއާ ކޮންމެ ދުވަހަކު ހިއްސާކުރަން މަޖުބޫރުވާނެ ކަމަށެވެ.
ގިނަ ދަރިވަރުން ސްކޫލަށް ހާޒިރުނުވާކަން ފާހަގަކުރެވުނީ ސްކޫލުތަކުން މިނިސްޓްރީއާ ހާޒިރީ ހިއްސާކުރަން ފެށި ފަހުން ކަމަށް ޝަފީޢު ވިދާޅުވިއެވެ.
އޭނާ ވިދާޅުވި ގޮތުގައި ދަރިވަރުން ސްކޫލަށް ނުދިއުމުގެ ސަބަބުން ގައުމުގެ ތަރައްގީއަށް އެކަމުގެ ނޭދެވޭ އަސަރު ކުރާނެއެވެ. އެއާއެކު، ސްކޫލަށް ދަރިވަރުން ހާޒިރުނުވާ ސަބަބު ދެނެގަންނަން ޖެހޭ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
”އެއްވެސް ސަބަބަކާ ހުރެ ސްކޫލަށް ކުއްޖަކު ނުދިއުމަކީ ވެގެންވާނެ ކަމެއް ނޫން، މިނިސްޓްރީ އޮފް އެޑިއުކޭޝަނުން އެކަމަށް ފިޔަވަޅު އަޅާނެ،“ ޝަފީޢު ވިދާޅުވިއެވެ.
ޝަފީޢު ވިދާޅުވީ ސްކޫލުތަކުގެ ޕްރިންސިޕަލުންނާ ބައްދަލުކޮށް، ދަރިވަރުން ހާޒިރުނުވާ މައްސަލައިގައި އެކަށީގެންވާ ފިޔަވަޅުތައް އެޅުމަށް އަންގައިފައިވާ ކަމަށެވެ.
ނަމަވެސް ސީދާ އަޅާނެ ފިޔަވަޅެއް ޝަފީޢު ހާމައެއް ނުކުރައްވައެވެ.




2 Comments
މަނިކުފާނަށް މަޖްލިސްގޮނޑިއެއް ހޫނުކޮށްލުން ފަސޭހަވާނެ. އަދި ހިތުހުރިގޮތަކަށް ބިރުދެއްކުމުގެ ސިފައިގަ ވާހަކަ ދެއްކެވިދާނެ! އެހެންނަމަވެސް ޙާލަތު އެނގިވަޑައިނުގެން ހުންނަވައި ތިޒާތައް ވާހަކަފުޅު ދެއްކެވުމަކީ ދަށުދަރަޖައިގެ ކަމެއް. ނިކަން ބައްލަވާ ސީއެޗްއެސްސީ ޙާލަތު. ކުފޫހަމަ ނުވާ ކިޔަވައިދިނުމުގެ ފެންވަރުދަށް ކިތައް ޓީޗަރުންތޯ ތިބީ! ސަރުކާރުން އެކަންތައް ބައްލަވަންތޯ؟ ކުދީން ކިޔަވަނީ މައިންބަފައިން ދަރަނިވެރިވެގެން ގެއަށް ޓީޗަރުން ގެނެސް ޓިއުޝަނަށް ފޮނުވައިގެން 12000 ބާރަކަވަރަކަށްހާސް ރުފިޔާ ޚަރަދުކޮށްގެން. ކިފާޔަތުގެ ފަރްޒެއް އަދާކުރުން ފަދަ ގޮތަކަށް ކޮންމެވެސް ކުދިބަޔަކު ދާނެ! ހަމަހުސް އެކަނި ފިޔަވަޅު އެޅުން ޙައްލެއްނޫން. ވަރަށް ފަސޭހައިން ކޮންމެވެސް ޤައުމަކުން ކުރާހަދިޔާއެއްގެ ނަމުގައި 4 ފާރުރާނާފަ ޖިފްޓިގަނޑެއް ބެހެއްޓިދާނެ! އެއީއަކީ ސްކޫލެއްނޫން.
ޢެއްވެސް ސަަބަބެއް ނެތި ޖިނާއީ ކުށް ކުރާ ކުދިންނަށް އެޅޭ ފިޔަވަޅެއް ނެތް ރާއްޖޭގަ ތިކަމުގަ ކޮން ފިޔަވަޅެއް ޢެޅޭނީ