ހުޅުމާލޭގެ އެކި ސަރަހައްދުތަކުން ކުނި ނަގައިގެން އުކާލުމުގެ މަސައްކަތުގައި އަމިއްލައަށް ހަރަކާތްތެރިވަމުން ދިޔަ ބަންގްލަދޭޝްގެ ދެ ރައްޔިތަކު ފުލުހުންގެ ބެލުމުގެދަށަށް ގެންގޮސްފިއެވެ.
އެ މީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ، 2026 ޖުލައި 6 ވަނަ ދުވަހުގެ ހެނދުނު 8:45 އެހައިކަންހާއިރުއެވެ.
މި މައްސަލައާ ގުޅިގެން ފުލުހުން ހައްޔަރު ކޮށްފައިވަނީ، ”ގޯލްޑް ކިންގް ޕްރައިވެޓް ލިމިޓެޑް“ ގެ ދަށުން މޭސަނެއްގެ ގޮތުގައި ރާއްޖޭގައި މަސައްކަތްކުރުމުގެ ވިސާ އޮންނަ، އެމްޑީ މޮނިރް (39އ) އާއި، ”އޭޔޫ ފެހުން“ ގެ ދަށުން ފަހާ މީހެއްގެ ގޮތުގައި ރާއްޖޭގައި މަސައްކަތްކުރުމުގެ ވިސާ އޮންނަ، އެމްޑީ ހަބީބު އުލާހް (43އ) އެވެ.
މި ދެ މީހުން ހިފަހައްޓާފައިވަނީ ކުނި އުފުލުމަށް ބޭނުންކުރި ޕިކަޕާއެކުއެވެ.
މި ދެ މީހުންނަކީ ދިވެހިރާއްޖޭގައި އަމަލުކުރަމުން އަންނަ އާއްމު ސިއްހަތު ރައްކާތެރިކުރުމުގެ ގާނޫނާއި، ކުނި މެނޭޖުކުރުމުގެ ގާނޫނާއި، ދިވެހިރާއްޖޭގެ އިމިގްރޭޝަން ގާނޫނުގެ އިތުރުން ވަޒީފާއާބެހޭ ގާނޫނާ ހިލާފަށް ހުޅުމާލޭގައި އަމިއްލައަށް ކުނި ނަގައި އުކާލުމުގެ މަސައްކަތްކުރަމުން ދިޔަ ބައެކެވެ. އިމިގްރޭޝަން ގާނޫނުގެ ދަށުން ފިޔަވަޅު އެޅުމަށް އެ މީހުން މިހާރުވަނީ އިމިގްރޭޝަނާ ހަވާލުކޮށްފައެވެ.




