އަތޮޅު ކައުންސިލްތައް އުވާލާފައިވަނިކޮށް، އަތޮޅުގެ ތަރައްގީއަށް ހުރިހާ ރަށެއް ބައިވެރިވެގެން މަސައްކަތް ކުރަން ހާއްސަ ބޯޑެއް އެކުލަވާލަން ހދ. އަތޮޅުގެ ރަށްތަކުން ފެށި މަސައްކަތް ހުއްޓާލަން ލޯކަލް ގަވަރުމަންޓް އޮތޯރިޓީ (އެލްޖީއޭ) އިން އަންގައިފިއެވެ.
އެލްޖީއޭ އިން ކުޅުދުއްފުށީ މޭޔަރު މުހައްމަދު އާތިފަށް ފޮނުވާފައިވާ ސިޓީއެއްގައި ބުނީ އަތޮޅު ކައުންސިލްތައް އުވާލައި އެ އިދާރާތަކުގެ މަސްއޫލިއްޔަތުތައް އެލްޖީއޭއާ ހަވާލުކޮށްފައިވާއިރު މުޅި އިދާރީ ދާއިރާގެ ތަރައްގީއަށް ކުރަންޖެހޭ ކަންކަން ކުރުމަކީ އެ އޮތޯރިޓީ މަސްއޫލިއްޔަތެއް ކަމަށެވެ.
އެހެންވެ އަތޮޅުގެ ހުރިހާ ރަށެއް ހިމެނޭ ގޮތަށް ބޯޑެއް އެކުލަވާލުމަކީ ކުރެވޭނެ ކަމެއް ކަމަށް ގަބޫލު ނުކުރާ ކަމަށް އެލްޖީއޭ އިން ބުންޏެވެ. އަދި އެގޮތަށް މަސައްކަތް ކުރުން، އަތޮޅު ކައުންސިލްތައް އުވާލުމަށް ލާމަރުކަޒީ ގާނޫނަށް ގެނައި އިސްލާހުގެ މަހުފޫމާ ފުށުއަރާ ކަމަށް ވެސް އެ އޮތޯރިޓީން ދެކެއެވެ.
އެލްޖީއޭ އިން އަންގާފައިވަނީ އެ ބޯޑު އެކުލަވާލަން ރަށްތަކުން ކުރަން ފެށި މަސައްކަތް ހުއްޓާލުމަށާއި އަދި އެ ނިންމުމަށް ވާސިލުވި ގާނޫނީ ސްޓޭންޑަކީ ކޮބައިކަން ސާފުކޮށްދިނުމަށެވެ.
ހދ. އަތޮޅުގެ ރަށްތައް ޝާމިލުވާ ގޮތަށް ބޯޑެއް އެކުލަވާލަން އިސް ނެންގެވީ ކުޅުދުއްފުށީ ސިޓީގެ މޭޔަރު މުހައްމަދު އާތިފެވެ. އެކަމަށް ތާއިދު ހޯއްދެވުމަށް މޭޔަރު ވަނީ ރަށްރަށުގެ ކައުންސިލްތަކުގެ ރައީސުންނާ އެކު ބައްދަލުވުމެއް ބޭއްވިއެވެ.




