ކެންސަރުގެ ފަރުވާއަށް ރާއްޖޭން ބޭރަށް ފޮނުވާ މީހުންގެ އަދަދު އަންނަނީ އަހަރުން އަހަރަށް އިތުރުވަމުންކަމަށްހެލްތު މިނިސްޓަރު ގީލާ އަލީ މިއަދު ވިދާޅުވެއްޖެއެވެ.
މިނިސްޓަރު ވިދާޅުވީ، އާސަންދައިން ހަރަދުކޮށްގެން ރާއްޖޭން ބޭރަށް ބޭސްފަރުވާއަށް ފޮނުވަން ޖެހޭ މީހުންގެ ތެރެއިން ގިނަ ބަޔަކީ ކެންސަރު ބަލީގެ އެކި ފަރުވާތަކަށް ފޮނުވާ މީހުން ކަމަށްވާއިރު، މިދިޔަ އަހަރު އެ ބަލީގެ ފަރުވާއަށް 2،000 މީހުން ރާއްޖޭން ބޭރަށް ފޮނުވި ކަމަށެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ގަލޮޅު އުތުުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހީމް ކުރެއްވި ސުވާލަކަށް ދެއްވި ޖަވާބުގައި މިނިސްޓަރު ވިދާޅުވީ މިދިޔަ ތިން އަހަރުގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ރާއްޖޭން ބޭރަށް އެންމެ ގިނަ މީހުން ފޮނުވީ ކެންސަރުގެ އެކި ފަރުވާތަކަށާއި ރާއްޖޭން ނުހެދޭ އުނދަގޫ ޓެސްޓްތައް ހަދަން ކަމަށެވެ. އެހެން ވިދާޅުވެ، މިދިޔަ ތިން އަހަރު ދުވަހުގެ ތެރޭގައި ކެންސަރުގެ ފަރުވާއަށް ރާއްޖޭން ބޭރަށް ފޮނުވި މީހުންގެ އަދަދުތައް އޭނާ ހާމަކުރެއްވިއެވެ.
”2023 ވަނަ އަހަރު 1،638 މީހުން ވަނީ ކެންސަރުގެ ފަރުވާއަށް ރާއްޖޭން ބޭރަށް ފޮނުވިފައި. ދެހާސް ސައްވީސް ވަނަ އަހަރު މި އަދަދު ވަނީ 1،996 އަށް އިތުރުވެފައި. ދެހާސް ފަންސަވީސް ވަނަ އަހަރު މި އަދަދު ވަނީ 2،000 އަށް ވުރެ މައްޗަށް އަރައިފައި،“ ގީލާ ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވި ގޮތުގައި އޭގެ ތެރޭގައި މުޅިން އަލަށް ފޮނުވި މީހުންނާއި ބަލީގެ ބާވަތުން ތަކުރާރުކޮށް ފޮނުވި މީހުން ވެސް ހިމެނެ އެވެ. އަދި ކައިރި ގައުމުތަކުގައި ދިރިއުޅޭ މީހުން ވެސް އޭގެ ތެރޭގައި ހިމެނެ އެވެ.
ކެންސަރަކީ ބަލީގެ ކުރީކޮޅު ބަލި ދެނެގަނެ، ފަރުވާކޮށްފި ނަމަ ފުރާނަ ސަލާމަތްކުރެވޭ ބައްޔަކަށް ވާތީ ބަލި ދެނެގަތުމުގެ ހިދުމަތް ފެށުމަކީ މި ސަރުކާރުން ކުރި އެންމެ މުހިއްމު މަސައްކަތް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. މިނިސްޓަރު ވިދާޅުވި ގޮތުގައި އެ ހިދުމަތް މިހާރު ވަނީ މާލެ އާއި އަތޮޅުތަކަށް ފުޅާކޮށްފަ އެވެ.



