ޒަމާނީ ފެންވަރަށް މިހާރު ހަދަމުން އަންނަ މާލޭގެ ބޮޑުތަކުރުފާނު މަގުގެ އެއްބައިގައި ތާރު އަޅައިފިއެވެ.
ހެންވޭރު ފެރީ ޓާމިނަލުން ފެށިގެން ރަސްމީ ފާލަމާ ހަމައަށް ބަންދުކޮށް، އެ މަގު ޒަމާނީ ފެންވަރަށް ހެދުމުގެ މަސައްކަތް ފެށީ މިދިޔަ މާޗު މަހުގެ 23 ގައެވެ.
އެމްޓީސީސީން ބުނީ ހެންވޭރު ޓާމިނަލުން ފެށިގެން ފޮރިން މިނިސްޓްރީއާ ހަމައަށް ރޭ ދަންވަރު ތާރު އަޅައި ނިންމާފައިވާ ކަމަށެވެ. އަދި ފޮރިން މިނިސްޓްރީން ފެށިގެން ރަސްމީ ފާލަމާ ހަމައަށް ތާރު އެޅުމުގެ މަސައްކަތް އަންނަ ހަފުތާ ނިމުމާ ހަމައަށް ކުރިއަށް ގެންދާނެ ކަމަށް ވެސް ބުނެފައިވެއެވެ.
ގިނަ އަދަދެއްގެ މިނިސްޓްރީތަކާއި އޮފީސްތައް ވެސް ހިންގަމުން އަންނަ އެ ސަރަހައްދުގައި ގާ އަޅާފައި އޮތްއިރު އެ މަގު ކުރިން އޮތީ ވަރަށް ބޮޑަށް ހަލާކުވެފަ އެވެ. އަޑިގުޑަންތައް ވެސް ގިނަ އެ މަގުގައި ޕާކުކުރުމުގެ ދަތިކަން ވެސް އިންތިހާއަށް އޮތެވެ.
އެތަން ތަރައްގީކޮށް ނިންމާއިރު ކުރިއެކޭ އެއްގޮތަށް މަގުގެ އެއް ފަޅީގައި ޕާކުކުރެވޭނެ ޖާގަ އާއި މަސްވެރިންގެ ޕާކު ސަރަަހައްދު ވެސް ހަދާނެ ކަމަށް ސަރުކާރުން ބުނެފައިވެއެވެ.



