ސަރުކާރުގެ ކުންފުނިތައް ބަލަހައްޓާ ޕީސީބީއަށް އައްޔަންކުރި ޒައިނާ އަބްދުﷲ އަށް ރައްޔިތުންގެ މަޖިލީހުން ރުހުން ދީފިއެވެ.
ބޭންކިން ދާއިރާ ތަމްސީލުކުރާ މެންބަރެއްގެ ގޮތުގައި ޕީސީބީއަށް ޒައިނާ އައްޔަންކޮށްފައި ވަނީ މިދިޔަ ޖޫން މަހު ފަހުކޮޅެވެ. އަދި އޭނާއަށް ރުހުން ހޯދުމަށް އޭރު މަޖިލީހަށް ފޮނުވިއެވެ.
މި މައްސަލަ ދިރާސާ ކުރި މަޖިލީހުގެ ސްޓޭޓް އޯންޑް އެޓަޕްރައިސަސް (އެސްއޯއީ) ކޮމިޓީ ޒައިނާ އެ މަގާމަށް އައްޔަން ކުރަން ރުހުން ދޭން ފެންނަ ކަމަށް ނިންމައި، އޭނާއަށް %80 މާކްސް ދީފައިވެއެވެ.
މިއަދުގެ މަޖިލިސް ޖަލްސާގައި އޮތީ އެ ކޮމިޓީ ރިޕޯޓަށް ވޯޓަށް އެހުމެވެ. ކޮމިޓީ ރިޕޯޓަށް ވޯޓަށް އެހުމުން، ޒައިނާއަށް ރުހުން ލިބުނީ 47 މެންބަރުންގެ ވޯޓާ އެކުއެވެ.
ރުހުން ދޭން ނުފެންނަ ކަމަށް އެމްޑީޕީގެ 10 މެންބަރަކު ވޯޓު ދެއްވިއެވެ.
ވޯޓުގެ ކުރިން އެމްޑީޕީގެ ފަރާތުން ކޮމިޓީ ރިޕޯޓަށް ވާހަކަ ދެއްކެވި ހުޅުމާލެ ދެކުނު ދާއިރާގެ މެންބަރު ޑރ. އަހްމަދު ޝަމްހީދު ވިދާޅުވީ އެ ޕާޓީގެ ޕީޖީ ގްރޫޕުން ނިންމީ ޒައިނާއަށް ރުހުން ނުދޭން ކަމަށެވެ. އެގޮތަށް ނިންމީ ޒައިނާގެ ގާބިލުކާ މެދު ސުވާލު އުދޭތީއެއް ނޫން ކަމަށާއި ”މި މަގާމަށް އެއީ ވަރަށް ގާބިލު ބޭފުޅެއް“ ކަމަށްވެސް ވިދާޅުވިއެވެ. އަދި ޒައިނާއަށް ރުހުން ނުދޭން ނިންމީ، ޕީސީބީން ހަރަދު ކުޑަކުރުމަށް ނެރުނު ސާކިއުލާއަކާ ހަވާލާދީ، އެމްޑީޕީއަށް ނިސްބަތްވާ މެންބަރުން ސަރުކާރުގެ ކުންފުނިތަކުން ވަކިކުރަމުންދާތީ ކަމަށް ވެސް ވިދާޅުވިއެވެ.



