ހިމަބިހި-ރުބެއްލާ އިން ރައްކާތެރިވުމަށް ޔުނިސެފުން ހަދިޔާކުރި 28،000 ޑޯޒްގެ ވެކްސިން ހެލްތު މިނިސްޓްރީއާ މިއަދު ހަވާލުކޮށްފިއެވެ.
ޔުނިސެފުން ހަދިޔާކުރި މި ވެކްސިނަކީ، ރާއްޖޭގައި ފެތުރެމުންދާ ހިމަބިހި (މީސަލްސް) ކޮންޓްރޯލް ކުރުމަށްޓަކައި ކުރިއަށްގެންދާ ”އައުޓްބްރޭކް ރެސްޕޮންސް އިމިއުނައިޒޭޝަން“ ޕްރޮގްރާމަށް އެހީތެރިވުމުގެ ގޮތުން ދިން ހަދިޔާއެކެވެ.
މި އެހީއަކީ ހިމަބިހި ފެތުރުން ހުއްޓުވުމުގައި މުހިންމު ދައުރެއް އަދާކުރާނެ އެހީއެއް ކަަމަށް އެ މިނިސްޓްރީން ބުނެފައިވެއެވެ. އަދި މިއީ މުޅި ރާއްޖޭގައި ފެންވަރު ރަނގަޅު ސިއްހީ ހިދުމަތްތައް ފުޅާކުރުމަށް ސަރުކާރުން ބަހައްޓަވާ އަހަންމިއްޔަތުކަން ހާމަކޮށްދޭ ކަމެއްކަމުގައިވެސް ބުންޏެވެ.
މިހާތަނަށް މި ޕްރޮގްރާމްގެ ދަށުން 5،495 މީހުންނަށް ވެކްސިން ދީފައިވާއިރު، މާލެ ސަރަހައްދާއި އަތޮޅުތެރޭގެ ރަށްރަށުގައި ވެކްސިން ދިނުމުގެ މަސައްކަތް ޓީމުތަކުން މެދުނުކެނޑި ދަނީ ކުރަމުންނެވެ.
މިއަދު ބޭއްވި ރަސްމިއްޔާތުގައި، ޔުނިސެފްގެ ފަރާތުން ވެކްސިން ހަވާލުކޮށްދެއްވީ އެ ޖަމިއްޔާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ މަންދޫބު ޑރ. އެޑްވަރޑް އަޑައި އެވެ. ސަރުކާރުގެ ފަރާތުން މި އެހީއާ ހަވާލުވެވަޑައިގަތީ މިނިސްޓަރ އޮފް ހެލްތު، ފެމިލީ އެންޑް ވެލްފެއާ ޤީލާ އަލީ އެވެ.
”ވެކްސިން ޖެހުމުގެ ޝަރުތު ހަމަވާ ހުރިހާ ބޭފުޅުންވެސް ވެކްސިން ޖެއްސެވުމަށް އަޅުގަނޑު ބާރުއަޅަން. ތިމާގެ އަމިއްލަ ނަފްސު ރައްކާތެރިކުރުމަކީ، ތިމާގެ އާއިލާއާއި، މުޖުތަމައާއި، އަދި އަޅުގަނޑުމެންގެ ތެރޭގައި ތިބި ބަލިތަކަށް އެންމެ ނާޒުކު ފަރާތްތައް ރައްކާތެރިކުރުމަށް އެޅޭ މުހިންމު ފިޔަވަޅެއް“ މިނިސްޓަރ ޤީލާ ވިދާޅުވިއެވެ.
މީގެ އިތުރުން، ސިއްހީ ދާއިރާގެ މުވައްޒަފުން ކުރަމުންދާ ބުރަ މަސައްކަތްތަކަށް މިނިސްޓަރު ޝުކުރު އަދާކުރެއްވިއެވެ. އަދި ޔުނިސެފާ ގުޅިގެން މި ބަލިމަޑުކަން ކޮންޓްރޯލް ކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތައް ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށްގެންދާނެ ކަމުގެ ޔަގީންކަން މިނިސްޓަރު ދެއްވިއެވެ.



