މާލޭގެ ގަލޮޅުގައި ހުރި ގެއެއްގައި ވެސް މިއަދު އަލިފާނުގެ ހާދިސާއެއް ހިނގައި، ބޮޑެތި ގެއްލުންތަކެއްވެއްޖެއެވެ.
ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ބުނީ ގަލޮޅު ހަލަވެލި ގޯޅީގައި ހުރި ގެއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން އެ އޮތޯރިޓީން ވެސް ހަރަކާތްތެރިވަމުންދާ ކަމަށެވެ.
އެގޭގައި ރޯވި އަލިފާންގަނޑު މިހާރު ނިއްވާލާފައިވީނަމަވެސް، ފޮޓޯތަކުން ފެންނަ ގޮތުގައި އެ ގެއަށް ވަނީ ބޮޑެތި ގެއްލުންތަކެއް ވެފައެވެ.
ފުލުހުން ބުނީ ގ. މިތުރު ނަމަކަށް ކިޔާ އެގޭގެ ގޮދަޑިއެއްގައި ރޯވެ އަލިފާނުގެ ހާދިސާއެއް ހިނގައިގެން އުޅޭކަމަށް ރިޕޯޓު ކޮށްފައުވަނީ މިއަދު ހެނދުނު 8:45 ހާއިރު ކަމަށެވެ.
މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ނުވެއެވެ.



