އަނބިމީހާގެ 8 އަހަރުގެ ކޮއްކޮއަށް ޖިންސީ ގޯނާކުރި މީހެއްގެ މައްޗަށް އިއްވާފައިވާ 18 އަހަރުގެ ޖަލު ހުކުމް ހައި ކޯޓުން ދަމަހައްޓައިފިއެވެ.
ދައުލަތުން އެ މީހާގެ މައްޗަށް ދައުވާކުރީ އޮރިޔާން މަންޒަރު ދައްކުވައިދޭ ފޮޓޯ އާއި ވީޑިއޯ އެކި ދުވަސް މަތިން އެ ކުއްޖާއަށް ދައްކައި ކުއްޖާގެ ގައިގައި ޖިންސީ ނިޔަތެއް އޮވެގެން އަތްލައި ކުއްޖާއަށް ޖިންސީ ގޯނާކޮށްފައިވާތީ ކަމަށް ބުނެއެވެ.
އެ ދައުވާ އެ މީހާގެ މައްޗަށް ދަށު ކޯޓުން ސާބިތުވެ 18 އަހަރުގެ ޖަލު ހުކުމެއް އޮތީ އިއްވާފައެވެ. އެހެންވެ އެ ހުކުމް އޭނާގެ ފަރާތުން ހައި ކޯޓުގައި އިސްތިއުނާފުކުރީއެވެ.
މި މައްސަލައިގައި ހައި ކޯޓަށް އޭނާ ހުށަހެޅި މައްސަލައިގައި، ޖިންސީ ގޯނާގެ ވާހަކަތަކަކީ ކުއްޖާ ހަދައިގެން ދައްކާ ވާހަކައެއް ކަމަށް އެމީހާ ބުނެފައިވެ އެވެ. ނަމަވެސް، އެކަން ސާބިތުކޮށްދޭން އެއްވެސް ހެއްކެއް ހުށަހަޅައިފައެއް ނުވެއެވެ.
އޭނާ ބުނެފައިވަނީ އެ ތުހުމަތަކީ އެ ކުއްޖާގެ ދައްތަ އޭނާއާ މެދު އޮތް ރުޅިވެރިކަމުގައި ކުއްޖާ ލައްވާ ދެއްކި ވާހަކައެއް ކަމަށާއި އެ ކުއްޖާ އަކީ ވާހަކަ ލިޔާ ކުއްޖެއް ކަމަށެވެ.
ނަމަވެސް، ހައި ކޯޓުން ކުރި ހުކުމްގައި ބުނީ އެކަން ސާބިތުކޮށްދިނުމުގެ ގޮތުން ހެކި ހުށަހަޅައިފައިނުވާތީ، އެ ވާހަކަތައް ބަލައިނުގަނެވޭނެ ކަމަށެވެ. ދައުވާ ލިބޭ މީހާ ދައްކާ އެ ވާހަކަތަކަކީ ބުއްދި ގަބޫލުކުރެވޭ ވާހަކަތަކެއް ނޫން ކަމަށް ދަށު ކޯޓުން ވެސް ބުނެފައިވެ އެވެ.
މި މައްސަލައިގައި ކުއްޖާގެ ހެކި ބަސް ނަގާފައިވަނީ ގާނޫނާ ހިލާފަށް ކަމަށް ވެސް ހައި ކޯޓުގައި ބުނެފައިވެ އެވެ. ނަމަވެސް، ހުކުމްގައި ބުނީ ކުއްޖާގެ ހެކިބަސް ޝަރީއަތުގެ މަޖިލީހުގައި ނެގުމަށް ދަށުކޯޓުގައި ދައުވާ ލިބޭ މީހާ އިއުތިރާޒުކޮށްފައިނުވާ ކަމަށެވެ. އެހެންވެ، އެއީ ހައި ކޯޓު މަރުހަލާގައި ބަލައިގަނެ ގޮތް ކަނޑައަޅަންޖެހޭ ނުކުތާއެއް ނޫން ކަމަށް ވަނީ ނިންމާފައެވެ.



