ހިމަބިހީގެ ވެކްސިން ދިނުމުގެ ޕްރޮގްރާމްގެ 3 ވަނަ ފޭސްގެ ދަށުން 49 އަހަރުން ދަށުގެ، ދެ ޑޯޒް ފުރިހަމަވެފައި ނުވާ މީހުންނަށް ވެކްސިން ދިނުމުގެ މަސައްކަތް ހެލްތް ޕްރޮޓެކަޝަން އެޖެންސީ (އެޗްޕީއޭ) އިން ފަށައިފިއެވެ.
އެޗްޕީއޭ އިން އާއްމުކޮށްފައިވާ އެންމެ ފަހުގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މިއަހަރު ހިމަބިހީގެ 121 ކޭސް ވަނީ ރިޕޯޓްކޮށްފައެވެ. ހިމަބިހިން ރައްކާތެރިވުމަށް، ގިނަ ފިޔަވަޅުތަކެއް އެޅުމުގެ މަސައްކަތް ކަމާ ގުޅޭ އިދާރާތަކުން އަންނަނީ ކުރަމުންނެވެ. އެގޮތުން 18 އަހަރުން ދަށުގެ ކުދިންނަށް ވެކްސިން ދީ ނިންމައިފައެވެ.
ވޭތުވެދިޔަ ހަފުތާގައި އެކަނިވެސް 55 ކޭސް ފެނިފައިވެއެވެ. 49 އަހަރުން ދަށުގެ މީހުންނަށް ވެކްސިންގެ ދެވަނަ ޑޯޒް ދިނުމަށް ހަމަޖެހިފައި ވަނީ 07 ޖުލައި އިން 30 ޖުލައިގެ ނިޔަލަށެވެ.
މާލޭގައި ވެކްސިންދޭ ތަންތަނާއި ގަޑިތައް އެޗްޕީއޭގެ ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުގައި ވަނީ އާންމުކޮށްފައެވެ. އަތޮޅުތަކުގައި ހުންނަ މަރުކަޒުތަކުން ޚިދުމަތް ދޭ ގަޑިތައް އެ މަރުކަޒަކުން ވަކިން އިޢުލާނުކުރާނެއެވެ.
ބައްޔަށް ޕޮޒިޓިވްވި މީހުންގެ ކޮންޓެކްޓުންގެ ތެރެއިން ވެކްސިން ދެ ޑޯޒް ފުރިހަމަކޮށްފައިނުވާ ފަރާތްތަކަށް ވެކްސިން ދިނުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. މިހާތަނަށް 220 ކޮންޓެކްޓުންނަށްވަނީ ވެކްސިން ދީފައެވެ.
މާލޭ ސަރަޙައްދުގައި އެމްއާރު ވެކްސިންދޭ މަރުކަޒުތައް:
1. ޔޫޕީއެޗްސީސީ
2. ހުޅުމާލެ ހޮސްޕިޓަލް
3. ސެނަހިޔާ މިލިޓަރީ ހޮސްޕިޓަލް
4. ވިލިމާލެ ހޮސްޕިޓަލް
5. އޭޑީކޭ ހޮސްޕިޓަލް
6. ޓްރީޓޮޕް ހޮސްޕިޓަލް
ފުރަންޓްލައިންގައި މަސައްކަތް ކުރައްވާ ޞިއްޙީ ޚިދުމަތްތެރިންގެ ތެރެއިން 1537 މީހުންނަށް ވަނީ ވެކްސިން ދީފައެވެ.



