މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްޞަ އިނާމަށް މިއަހަރު ނަން ހުށަހެޅުމުގެ ފުރުސަތު، މި ޖުލައި 12 ވާ އާދީއްތަ ދުވަހު ހުޅުއްވައިލައްވާ ގޮތަށް ޚާއްޞަ އިނާމާބެހޭ ކޮމިޓީން ހަމަޖައްސަވައިފިއެވެ.
ފުރުސަތު ހުޅުއްވާލަނީ، އެ ދުވަހުން ފެށިގެން އޮގަސްޓު މަހުގެ 31 ވާ ހޯމަ ދުވަހުގެ މެންދުރުފަހު 2:00 ގެ ނިޔަލަށެވެ.
މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްޞަ އިނާމަށް ނަން ހުށަހެޅުމަށް ހަމަޖެހިފައިވަނީ، ހަމައެކަނި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ”ފޯމު ހުށަހެޅުން“ ޕޯޓަލް މެދުވެރިކޮށްގެންނެވެ.
މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްޞަ އިނާމު، މިއަހަރުވެސް ދެއްވުމަށް ހަމަޖެހިފައިވަނީ، ހަތަރު ގިންތިއަކުންނެވެ.
އިނާމަށް ނަން ހުށަހަޅާއިރު، ފޯމާއެކުގައި ހުށަހަޅަންޖެހޭ ލިޔުންތައް، ފޯމުގައި ބަޔާންކޮށްފައިވާ ގޮތަށް ފުރިހަމަކުރަންޖެހޭ ކަންތައްތައް ފުރިހަމަކޮށް ހުށަހެޅުމަށާއި، އެލިޔުންތަކުގެ ދެފުށުގައި ލިޔެފައިވާނަމަ، އެ ލިޔުމުގެ ދެފުށުގައި އަސްލާއެއްގޮތްކަމަށް، ޤާނޫނު ނަންބަރު 2019/5 (ދިވެހިރާއްޖޭގެ ޤާނޫނީ ފަންނުގެ ޤާނޫނު) ގެ 72 ވަނަ މާއްދާގެ (ހ) ގެ ދަށުން ހަދައިފައިވާ ނަންބަރު 2019/ޜ-1067 (އަސްލާ އެއްގޮތްކަމުގެ ތައްގަނޑުޖެހުމާބެހޭ ގަވާއިދު) ގައިވާ ގޮތުގެ މަތީން އަސްލާ އެއްގޮތްކަމުގެ ތައްގަނޑު ޖެހުމަށާއި، އިނާމަށް ފޯމު ހުށަހަޅުއްވާ ފަރާތްތަކުން، މިކަންކަމަށް ވަރަށް ބޮޑަށް ސަމާލުކަން ދިނުމަށް ޚާއްޞަ އިނާމާބެހޭ ކޮމިޓީން އެދިފައިވެއެވެ.



