މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) މުޅިން ފެއިލްވެފައިވާ ކަމަށާއި، އެހެންކަމުން އެ ޕާޓީން ރާއްޖޭގެ މާލީ ޙާލަތާ ގުޅޭގޮތުން ވާހަކަދެއްކުމަކީ ބަލައިގަނެވޭނެ ކަމެއް ނޫންކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ޕީއެންސީގެ ޗެއާޕާސަން އަބްދުއްރަޙީމް ޢަބްދުﷲ ވިދާޅުވެއްޖެއެވެ.
ޕީއެންސީގެ އެތެރޭގެ އިންތިޚާބާ ގުޅޭގޮތުން މީޑިއާއަކަށް ދެއްވި އިންޓަވިއުއެއްގައި ވާހަކަދައްކަވަމުން ޢަބްދުއްރަޙީމް މިފަދައިން ފާޑުވިދާޅުވެފައި ވަނީ، ”ޑޮލަރެއް ނެތް“ މި ނަމުގައި އެމްޑީޕީގެ ފަރާތުން މާދަމާ ރޭ ޚާއްސަ ޕެނަލް ޑިސްކަޝަނެއް ބޭއްވުމަށް އިޢުލާނުކުރުމާ ގުޅިގެންނެވެ.
އަބްދުއްރަހީމް ސިފަކުރެއްވި ގޮތުގައި، ވޭތުވެދިޔަ ތަނުގައި އެމްޑީޕީން ކުރި ދެ ވެރިކަމުގައި ވެސް ޤައުމަށް އިތުރު މަންފާއެއް ހޯދިފައެއް ނުވެއެވެ. އޭގެ ބަދަލުގައި ފެނިގެންދިޔައީ ކުރީގެ ސަރުކާރުތަކުން ބިނާކޮށްފައިވާ މުދާތައް ބޭނުންކޮށް، ދަރަނި ނެގުމަށްޓަކައި ދައުލަތުގެ އެސެޓްތައް ރަހުނުކުރި މަންޒަރުކަމަށް އޭނާ ވިދާޅުވިއެވެ.
އެގޮތުން 2008ވަނަ އަހަރު އުފެދުނު ރައީސް މުޙައްމަދު ނަޝީދުގެ ސަރުކާރަށް އަލިއަޅުއްވާލައްވައި އަބްދުއްރަޙީމް ވިދާޅުވީ، ލެޕްޓޮޕަކާއި ފަޅުރަށަކުން ޤައުމު ހިންގާނެކަމަށް ވަޢުދުވެ ވެރިކަމާ ހަވާލުވެ، އެންމެ ފުރަތަމަ ވެސް ބަންދުކޮށްލީ ބޭރު ފައިސާ ލިބެން ހުރި މަގުތައް ކަމަށެވެ. އަދި 70 މިލިއަން ޑޮލަރު ހޯދުމުގެ ބޭނުމުގައި ޤައުމީ އެއާޕޯޓާއި، ދިރާގު އަދި އެމްޑަބްލިއުއެސްސީ ފަދަ މުހިންމު ކުންފުނިތަކުގެ ހިއްސާ ވިއްކާލީ އެމްޑީޕީގެ ވެރިކަމުގައިކަން ވެސް އަބްދުއްރަހީމްގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން، އެމްޑީޕީން ޤާނޫނާ ޚިލާފަށް 8 ބިލިއަން ރުފިޔާ ޗާޕުކުރުމުގެ ސަބަބުން ފައިސާގެ އަގު ވެއްޓިގެންދިޔަ ކަމަށް ވިދާޅުވެ، މިހާރުގެ އިޤްތިޞާދީ ދަތިކަމުގެ އަސްލަކީ އެއީ ކަމަށް ތުހުމަތުކުރެއްވިއެވެ.




