ކ. ހިންމަފުށީގައި ހުންނަ އައްސޭރި ޖަލަށް މަނާތަކެތި ވެއްދުން ހުއްޓުވުމުގެ ގޮތުން އެ ޖަލު ބަލައި ފާސްކުރުމުގެ ޚާއްސަ އޮޕަރޭޝަނެއް މިއަދު ފަށައިފިއެވެ.
މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް އާއި ދިވެހި ފުލުހުންގެ ޚިދުމަތް ގުޅިގެން، މި ހަރަކާތް ފަށާފައިވާކަން ހާމަކޮށްފައި ވަނީ ކަރެކްޝަންސްގެ ރަސްމީ ”އެކްސް“ އެކައުންޓުގައި ކުރި ޕޯސްޓެއްގައެވެ. ނަމަވެސް، މި ވަގުތު ކުރިއަށްދާ މި އޮޕަރޭޝަނާ ގުޅޭ އިތުރު އެއްވެސް މަޢުލޫމާތެއް އެ އިދާރާއިން އަދި ހާމަކޮށްފައެއް ނުވެއެވެ.
ޖަލުތަކުގެ ސަލާމަތީ ކަންކަން ރެޔާއި ދުވާލު ބަލަހައްޓަމުން ދިޔަ ނަމަވެސް، ޖަލަށް ފޯނާއި މަސްތުވާތަކެތި ފަދަ މަނާތަކެތި ވެއްދުމުގެ މައްސަލަތައް އަންނަނީ ތަކުރާރުކޮށް ފެންމަތިވަމުންނެވެ. އެގޮތުން، 2024ވަނަ އަހަރުގެ ތެރޭގައި ޖަލަށް މަސްތުވާތަކެތި ވެއްދުމުގެ ތުހުމަތުގައި ކަރެކްޝަންސްގެ 18 މުވައްޒަފެއްގެ މައްޗަށް ދައުވާކޮށްފައިވެއެވެ. ފުލުހުންގެ ތަހުގީގަށް ހާމަވި ގޮތުގައި އެ މީހުންގެ ބޭންކް އެކައުންޓުތަކަށް 73 މިލިއަން ރުފިޔާ ޖަމާކޮށްފައި ހުއްޓެވެ.
މިފަދަ ކަންކަމަށް އެދެވޭ ހައްލެއް ހޯދުމަށް މާފުށީ ޖަލަށް ވަންނަ މީހުން ފާސްކުރުމަށްޓަކައި ބޮޑީ ސްކޭނިންގ މެޝިނެއް ބަހައްޓައި މި އަހަރު ވަނީ ބޭނުންކުރަން ފަށާފައެވެ.
މީގެ އިތުރުން، ފާއިތުވި މަހުގެ 22 ވަނަ ދުވަހު މާފުށީ ޖަލުގައި ވެސް މިފަދަ ބަލައި ފާސްކުރުމުގެ ބޮޑު އޮޕަރޭޝަނެއް ފުލުހުންނާއި ކަރެކްޝަންސްއިން ހިންގާފައިވާކަން ފާހަގަކުރެވެއެވެ.



