ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވޯޓު ގުނުމުގެ މަސައްކަތް އިއްޔެ ކުރިއަށް ގެންދަނިކޮށް ހަމަނުޖެހުން ހިންގި މައްސަލައިގައި ދެ މީހަކު ރޭ ހައްޔަރުކޮށްފިއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކުރީ އުމުރުން 23 އަހަރާއި 24 އަހަރުގެ ދެ ފިރިހެނުން ކަމަށެވެ.
ކާމިލް ދީދީ ޕްރީ ސްކޫލުގައި ހުޅުމާލޭ އުތުރު ދާއިރާގެ ވޯޓު ފޮއްޓެއް ގުނަމުން ދަނިކޮށް ކެންޑިޑޭޓުންގެ މަންދޫބުންގެ މެދުގައި ދެބަސްވެ، ހިނގި ހަމަނުޖެހުމުގެ ވީޑިއޯ ސޯޝަލް މީޑިއާގައި ރޭ ވަނީ އާއްމުވެފަ އެވެ.
އެ ވީޑިއޯއިން އެކަކު އަނެކަކާ ދިމާއަށް، އެ ތަނުގައި ހުރި ގޮނޑިތައް އުކާ މަންޒަރާއި، އިންޒާރުދޭ އަޑު އިވެ އެވެ.
އެ ވީޑިއޯ އާއްމުވުމާ އެކު ފުލުހުން ވަނީ ހުޅުމާލެ 2 ގެ ސްކޫލަށް ބަޔަކު ވަދެ އެ ސްކޫލަށާއި އެ ތަނުގެ މުދަލަށް ގެއްލުންދީ، މީހުންނާ މެދު މާރާމާރީ ހިންގި މައްސަލައެއް ތަހުގީގު ކުރަމުންދާ ކަމަށް ބުނެފައެވެ.




