ޤަތަރަށް ކުރައްވާ ރަސްމީ ދަތުރުފުޅެއްގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ހެނދުނު ފުރާވަޑައިގަންނަވައިފިއެވެ.
މިދަތުރުފުޅަކީ، ޤަޠަރުގެ ކުރީގެ އަމީރު، ހިޒް ހައިނަސް ޝައިޚް ޙަމަދު ބިން ޚަލީފާ އާލް ޘާނީ އަވަހާރަވުމާ ގުޅިގެން ، އެޤައުމުގެ އަމީރު ހިޒް ހައިނަސް ޝައިޚް ތަމީމް ބިން ޙަމަދު އާލް ޘާނީ އާއި ޝާހީ ޢާއިލާއަށާއި ޤަތަރުގެ ރައްޔިތުންނަށް ދިވެހިރައްޔިތުންގެ ފަރާތުންނާއި އެމަނިކުފާނުގެ އަމިއްލަ ނަންފުޅުގައި ތަޢުޒިޔާ ދެންނެވުމަށް ކުރައްވާ ދަތުރުފުޅެކެވެ.
ޝައިޚް ޙަމަދު ބިން ޚަލީފާ އާލް ޘާނީ އަވަހާރަވުމާއި ގުޅިގެން އެޤައުމުގައި ބާއްވާ ރަސްމީ ހިތާމަފާޅުކުރުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް ދުނިޔޭގެ ގިނަ ޤައުމުތަކެއްގެ މަންދޫބުން ޤަތަރަށް ވަޑައިގެންނެވުމަށް ވަނީ ހަމަޖެހިފައެވެ.
ޝައިޚް ހަމަދު ބިން ހަލީފާ އަލް ޘާނީ އަވަހާރަވުމާ ގުޅިގެން ރައީސް މުޢިއްޒު ވަނީ އިއްޔެ ތަޢުޒިޔާ ވެސް ދަންނަވާފައެވެ.
ޝެއިޚް ހަމަދު ބިން ޚަލީފާ އަލް ޘާނީ ވަނީ 1995 އިން 2013 އަށް ގަތަރުގައި ވެރިކަން ކުރައްވާފައެވެ. ގަތަރުގެ މިހާރުގެ ލީޑަރަކީ އޭނާގެ ދަރިކަލުން ޝެއިޚް ތަމީމް ބިން ހަމަދު ބިން ހަލީފާ އަލް ޘާނީ އެވެ.
ރައީސް މުޢިއްޒު ”އެކްސް“ ގައި ކުރެއްވި ޕޯސްޓެއްގައިވަނީ ޝެއިޚް ތަމީމް އަށާއި ޝާހީ އާއިލާއަށް ތައުޒިޔާ ދެންނެވި މެސެޖުގައި ޝެއިޚް ހަމަދުއަކީ ޒަމާނީ ޤަތަރު ބިނާކުރުމުގެ އެންމެ މުހިންމު އެއް މޭސްތިރިޔާކަމާއި އެ ޤައުމުގެ ތަރައްޤީއަށް ޝެއިޚް ގިނަ މަސައްކަތްތަކެއް ކުރެއްވިކަން ފާހަގަ ކުރައްވާފައިވެއެވެ.
ޤަތަރުގެ ޝާހީ ދިވާން (އަމީރީ ދިވާން) އިން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ، ޤަތަރުގެ ތަރައްޤީގެ ބާނީގެ ގޮތުގައި ބެލެވޭ ”ފާދާ އެމީރު“ ޝައިޚް ހަމަދު އަވަހާރަވީ އިއްޔެ ހެނދުނުގެ ވަގުތެއްގައި ކަމަށެވެ. ނަމަވެސް އަވަހާރަވި ސަބަބެއް އެ ބަޔާނުގައި ހާމަކޮށްފައެއް ނުވެއެވެ. ޝާހީ ދިވާނުން ވަނީ އެމަނިކުފާނުގެ ފުރާނަފުޅަށް ރަޙުމަތް ލައްވައި، ސުވަރުގޭގެ ދާއިމީ ނިއުމަތް މިންވަރު ކުރެއްވުން އެދި ދުޢާކޮށްފައެވެ.



