އައްޑޫ ސިޓީގައި މަސްތުވާތަކެތި ބޭނުންކުރުމުގެ ޚިދުމަތް ދެމުންދާކަމުގެ ތުހުމަތުގައި، މަރަދޫގެ ގެއެއް ވެސް ބަންދުކުރުމަށް މަރަދޫ މެޖިސްޓްރޭޓް ކޯޓުން އަމުރު ނެރެފިއެވެ.
ފުލުހުން ބުނީ، މަރަދޫ މެޖިސްޓްރޭޓް ކޯޓުން ވަނީ މިއަދުން ފެށިގެން 90 ދުވަހަށް، އެ ރަށު ބޯޅަދަނޑުގެ ބަންދުކުރަން އަމުރުކޮށްފައި ކަމަށެވެ.
މަސްތުވާތަކެއްޗާ ބެހޭ ގާނޫނުގެ ދަށުން ނެރުނު އެ އަމުރަކީ، މަސްތުވާތަކެތި ބޭނުންކުރުމުގެ ޚިދުމަތްދޭ ތަނެއް ބަންދުކުރުމަށް މަރަދޫ މެޖިސްޓްރޭޓް ކޯޓުން ނެރުނު ފުރަތަމަ އަމުރުކަން އެ މުއައްސަސާއިން ފާހަގަކުރިއެވެ.
ފުލުހުން ވަނީ، ކޯޓު އަމުރުގެ ދަށުން މިގޮތަށް ބަންދުކުރާ ތަންތަނަށް، އެ އަމުރުގެ މުއްދަތުގައި ހުއްދަނެތި ވަދެނުކުމެ ހެދުމަކީ ގާނޫނީ ކުށެއްކަން ހަނދާންކޮށްދީފައެވެ. އަދި އެފަދަ ތަންތަނަށް ހުއްދަނެތި ވަންނަ މީހުންނާއި، އެ ތަންތަނަށް އެކި ގޮތްގޮތުން ގެއްލުންދޭ މީހުންނާ މެދު ގާނޫނީ ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު އެ މުއައްސަސާއިން ދީފައިވެއެވެ.
ފުލުހުން ވަނީ، އައްޑޫ ސިޓީގައި މަސްތުވާތަކެތި ވިއްކައި ވިޔަފާރިކުރާ މީހުން ހުއްޓުވުމަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކަށް ރައްޔިތުންގެ ފަރާތުން ލިބެމުންދާ އެހީތެރިކަމާއި އެއްބާރުލުމަށް ޝުކުރު އަދާކޮށްފައެވެ.
މީގެ އިތުރުން، މަސްތުވާތަކެއްޗާ ބެހޭ ގާނޫނުން ފުލުހުންނަށް ލިބިދީފައިވާ ބާރުތަކުގެ ދަށުން ކުރަމުންދާ މަސައްކަތް ހުއްޓުމެއްނެތި ކުރަމުންދާނެ ކަމަށާއި، މަސްތުވާތަކެތީގެ ވިޔަފާރިކޮށް، ބޭނުންކުރުމުގެ ޚިދުމަތް ދެމުންދާ އިތުރު ތަންތަން ހޯދައި، ބަންދުކުރުމުގެ މަސައްކަތް ވެސް ކުރަމުންދާނެ ކަމަށް އެ މުއައްސަސާއިން ބުންޏެވެ.
މީގެ ކުރިން އައްޑޫގެ ހިތަދޫ މެޖިސްޓްރޭޓް ކޯޓުން ވެސް ދެ ގެއެއް ބަންދުކުރުމަށް އަމުރުކޮށްފައިވެއެވެ. އަދި ފުވައްމުލަކުގެ ’ޑުރަގު ކެފޭއެއް‘ ވެސް ބަންދުކުރަން ފުވައްމުލަކުގެ މެޖިސްޓްރޭޓް ކޯޓުން ވެސް މީގެ ކުރިން އަމުރުކޮށްފައިވެއެވެ.



