މި އަހަރުގެ މިހާތަނަށް ހިމަބިހި ނުވަތަ މީސްލްސް ޖެހުނު މީހުންގެ އަދަދު 144އަށް އަރައިފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިއަދު ހާމަކޮށްފިއެވެ.
އެޗްޕީއޭއިން މިއަދު އާންމުކުރި ތަފާސްހިސާބުގައިވާ ގޮތުން، މިދިޔަ ހަފުތާގައި މާލެ ސަރަހައްދުން ހިމަބިހީގެ 23 ކޭސް ވަނީ ފެނިފައެވެ. އެއާއަޅައިބަލާއިރު، އޭގެ ކުރީ ހަފުތާގައި ހިމަބިހީގެ 55 ކޭސް ވަނީ މާލެ ސަރަހައްދުން ފެނިފައެވެ.
ގައިންގަޔަށް ފަސޭހައިން އަރާ ބައްޔެއް ކަމަށްވާ ހިމަބިހި ފެތުރުމުގެ ބިރު ބޮޑުވެފައިވާއިރު، މިދިޔަ ބުދަ ދުވަހު ހެލްތު މިނިސްޓަރު ގީލާ އަލީ ވަނީ، ހިމަބިއްސަކީ ރާއްޖޭގައި އާދަޔާ ޚިލާފަށް ފެތުރެމުންދާ ނޫނީ ބަލި ކޮންޓްރޯލް ނުކުރެވިގެން އުޅޭ ބައްޔެއް ނޫން ކަމަށް ވިދާޅުވެފައެވެ. އޭނާ ވިދާޅުވީ އެ ބައްޔަކީ ކުރު މުއްދަތެއްގެ ތެރޭގައި ގައިން ގަޔަށް އަރާ ބައްޔަކަށް ވެފައި، ބަލި ފަސޭހަވާން ނަގާ މުއްދަތު ވެސް ކުރުވާނެ ކަމަށެވެ.
އެޗްޕީއޭއިން ވަނީ މިހާތަނަށް 7،100 ފަރާތަކަށް ވެކްސިން ދީފައިވާކަން ވެސް ފާހަގަކޮށްފައެވެ.
އެޗްޕީއޭއިން ވަނީ ވެކްސިންގެ ދެ ޑޯޒް ފުރިހަމަކޮށްފައިވާކަން ޔަގީންނުވާ ފަރާތްތަކަށް، ކަނޑައެޅިފައިވާ ވެކިންދޭ މަރުކަޒުތަކަށް ޒިޔާރަތްކޮށް ވެކްސިން ފުރިހަމަ ކުރުމަށް އިރުޝާދު ދީފައެވެ. އަދި ބަލި ޖެހިފައިވާ މީހަކާ ކޮންޓެކްޓްވިކަން އެނގޭ ފަރާތްތަކަށް، ހުޅުމާލެ ހޮސްޕިޓަލް ނުވަތަ އާބްނަ ޕްރައިމެރީ ހެލްތް ކެއާ ސެންޓަރުން ކޮންޓެކްޓަރުންނަށް ވެކްސިން ޖަހަން ކަނޑައަޅާފައިވާ ވަގުތުގައި ވެކްސިން ޖެހޭނެ ކަމަށް އެ އެޖެންސީއިން ވަނީ ބުނެފައެވެ.
ހަމައެއާއެކު، އެޗްޕީއޭއިން ވަނީ މާލެ ސަރަހައްދުގެ ހޮސްޕިޓަލްތަކާއި އަތޮޅުތަކާއި ރަށްތަކުގެ ސިއްހީ މަރުކަޒުތަކުން ކަނޑައެޅިފައިވާ ވަގުތުތަކެއްގައި ވެކްސިން ދިނުމުގެ ޚިދުމަތް ލިބޭނެ ކަމަށް ބުނެފައެވެ.
ފާހަގަކޮށްލެވޭ ގޮތުގައި މި ސަރަހައްދުގައި އެ ބަލި އެންމެ ގަދަޔައަށް ފެތުރޭ ގައުމުތަކުގެ ތެރޭގައި ރާޢްޖެ މިހާރު ވަނީ ހިމެނިފައެވެ.



