މިނިވަން ދުވަހުގެ މުނާސަބަތުގައި ބާއްވަވާ ރަސްމީ ބައްދަލުކުރެއްވުން މި އަހަރުވެސް ނުބޭއްވެވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނިންމަވައިފިއެވެ.
މި ބައްދަލުކުރެއްވުން ނުބާއްވާ ގޮތަށް ނިންމެވީ، ދައުލަތުގެ ޚަރަދުތައް ކުޑަކުރެއްވުމުގެ ގޮތުން އަޅުއްވާ ފިޔަވަޅެއްގެ ގޮތުންނެވެ. މިދިޔަ އަހަރުވެސް މި ބައްދަލުވުން ބާއްވާފައިނުވެއެވެ.
މިނިވަން ދުވަހުގެ މުނާސަބަތުގައި ބާއްވަވާ ރަސްމީ ޖަލްސާ މިފަހަރު އޮންނާނީ، މިނިވަން ދުވަހުގެ ހެނދުނު 09:00 ގައި، ޒުވާނުންގެ މަރުކަޒުގެ މާލަމުގައެވެ.
މި ޖަލްސާގައި ރައީސް މުޢިއްޒު، ދިވެހި ޤައުމާ މުޚާޠަބު ކުރައްވާނެއެވެ.
މިނިވަން ދުވަހުގެ ރަސްމީ ބައްދަލުކުރެއްވުން ނުބޭއްވިކަމުގައިވިޔަސް މިއަހަރުވެސް އެ ދުވަހާ ގުޅިގެން ފޯރިގަދަ ތަފާތު ހަރަކާތްތައް ރާއްޖޭގެ އެކިކަންކޮޅުތަކުގައި ބޭއްވުމަށް ދަނީ ތައްޔާރުވަމުންނެވެ.




