ސިޔާސަތުތައް ކަނޑައެޅުމުގައި އަންހެނުންގެ ޚިޔާލާއި މަޝްވަރާ ހޯދުމަށް މަންސައެއް ޤާއިމްކުރުމަށް ނިންމާފައިވާ ކަމަށް ހެލްތު މިނިސްޓަރު ގީލާ އަލީ ވިދާޅުވެއްޖެއެވެ.
މިނިސްޓަރު މިހެން ވިދާޅުވީ، ޕާކިސްތާނުގެ އިސްލާމްއާބާދުގައި ކުރިއަށްދާ އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަންގެ އަންހެނުންގެ ކުރިއެރުމަށް ބާއްވާ މިނިސްޓަރުންގެ މަޖިލީހުގެ 9 ވަނަ ސެޝަންގެ އާންމު ބަހުސްގައި، ޖެންޑަރ އިކުއަލިޓީ ނުވަތަ މިންތީގެ ހަމަހަމަކަމާއި، އަންހެނުން ބާރުވެރި ކުރުވުމަށް ދިވެހިރާއްޖެއިން ކުރަމުންދާ މަސައްކަތްތައް ހިއްސާ ކުރައްވަމުންނެވެ.
ގީލާ ވަނީ، މި ކޮންފަރެންސްގެ ޝިއާރު ކަމަށްވާ ”އޯއައިސީގެ ޤައުމުތަކުގައި އަންހެނުން އިޖުތިމާޢީ، އިޤްތިޞާދީ އަދި ސިޔާސީ ގޮތުން ބާރުވެރިކުރުވުން: ގޮންޖެހުންތަކާއި ކުރިއަށްދާނެ މަގު“އަށް މަރުހަބާ ވިދާޅުވެފައެވެ. މި ޝިއާރަކީ ދިވެހިރާއްޖޭގެ ’ޖެންޑަރ އިކުއަލިޓީ އެކްޝަން ޕްލޭން 2022-2026‘ ގެ ދަށުން ކަނޑައަޅާފައިވާ ޤައުމީ އިސްކަންދޭ ކަންތައްތަކާ ވަރަށް ބޮޑަށް ގުޅޭ ޝިއާރެއްކަން އެކަމަނާ ފާހަގަކުރެއްވިއެވެ. އަދި މި ޕްލޭނަކީ އަންހެނުންގެ ލީޑަރޝިޕާއި، އިޤްތިޞާދީ ބާރުވެރިކަމާއި، މުއައްސަސާތަކުގައި މިންތީގެ ހަމަހަމަކަން ޤާއިމުކުރުމާއި، ވަކި ޖިންސަކަށް ވީތީ ކުރާ އަނިޔާ ނައްތާލުމާއި، އިންސާފަށް ވާސިލުވުމުގެ ފުރުޞަތުތައް އިތުރު ކުރުމަށް އެކުލަވާލާފައިވާ ޤައުމީ އޮނިގަނޑެއްކަމަށް ވިދާޅުވިއެވެ.
ލީޑަރޝިޕާއި، ގަވަރނަންސްގެ ދާއިރާއިން ހޯދާފައިވާ ކުރިއެރުންތަކަށް އަލިއަޅުއްވާލައްވަމުން، ރާއްޖޭގެ އިންތިޚާބީ ކައުންސިލަރުންގެ 37 އިންސައްތައަކީ، އަންހެނުންކަން ވަޒީރު ފާހަގަކުރެއްވިއެވެ. އަދި ނިންމުންތައް ނިންމާ ފެންވަރުގައި އަންހެނުންގެ ބައިވެރިވުން އިތުރު ކުރުމަށް ސަރުކާރުން ދޭ ސަމާލުކަން ފާހަގަކުރެއްވިއެވެ. މިގޮތުން ’ޓޭކިންގ ދަ ލީޑް: ވިމެން އިން ޕޮލިޓިކްސް‘ އަދި ’ޕްރެކްޓިސް ޕާލަމެންޓް ފޯ ވިމެން‘ ފަދަ ހަރަކާތްތަކުގެ ޒަރީއާއިން އަންހެނުން ލީޑަރޝިޕް ދައުރުތަކަށް ތައްޔާރު ކުރަމުންދާކަން ބަޔާންކުރެއްވިއެވެ.




