ކެފޭ ހިންގާ ގޮތަށް، މަސްތުވާތަކެތި ވިއްކައި ބޭނުންކުރަން މީހުން ގޮސް އުޅޭ މާލޭގެ ގެއެއް ކަމަށްވާ މ. ލޭންޑް އޮފް ގާޑެންގެ ބައެއް ބަންދުކުރަން ކޯޓުން އިއްޔެ އަމުރު ނެރެފިއެވެ.
ފުލުހުން ބުނީ އެ ތަން ބަންދުކުރީ މިދިޔަ ހޯމަ ދުވަހު ކަމަށާއި ބަންދުކުރީ ތިން މަސްދުވަހަށް ކަމަށެވެ. އެ މުއްދަތު ހަމަވަނީ އަންނަ އޮކްޓޫބަރު މަހުގެ 11 ވަނަ ދުވަހަށެވެ.
މިއީ މާލެގައި މަސްތުވާތަކެތި ވިއްކާ ތަންތަން ބަންދުކުރުމަށް ފުލުހުން ކުރަމުންދާ މަސައްކަތުގެ ތެރެއިން ބަންދުކުރެވުނު 6 ވަނަ ތަނެވެ.
މިފަދަ މައްސަލަތަކުގައި މިހާތަނަށް މާލެއިން ބަންދުކުރި ކެފޭތައް:
° ހ. ގުންޒަރު: މެއި 6، 2026 އިން އޮގަސްޓު 3، 2026 އަށް
° މ. ތަރިވިލާގެ: މެއި 22، 2026 އިން އޮގަސްޓު 22، 2026 އަށް
° މ. އަމީރާމަންޒިލް ގެ ބައެއް: ޖޫން 1، 2026 އިން ސެޕްޓެމްބަރު 1، 2026 އަށް
° މއ. ސެވަން އެންޑް ހައުސް: ޖޫން 11، 2026 އިން ސެޕްޓެމްބަރު 24، 2026 އަށް
° ހ. ކަނޑުފިނިގެ (ފުރަތަމަ ފަންގިފިލާގެ އެއް ކޮޓަރި): ޖޫން 25، 2026 އިން ސެޕްޓެމްބަރު 24، 2026 އަށް
ކޯޓު އަމުރުގެ ދަށުން ބަންދުކުރާ ތަންތަނަށް، އެ އަމުރުގެ މުއްދަތުގައި ހުއްދަ ނެތި ވަދެ އުޅުމަކީ ކުށެކެވެ. އަދި އެފަދަ ތަންތަނަށް ހުއްދައާ ނުލައި ވަންނަ މީހުންނާއި އެ ތަންތަނަށް އެކި ގޮތްގޮތުން ގެއްލުންދޭ މީހުންނަށް ގާނޫނީ ގޮތުން އެންމެ ހަރުކަށި ފިޔަވަޅު އަޅާނެ ކަމަށް ވެސް ފުލުހުން ބުންޏެވެ.



