މަސްތުވާތަކެތި ބޭނުންކޮށް، އެ ތަކެތީގެ ވިޔަފާރި ކުރާތީ އައްޑޫ މަރަދޫފޭދޫގައި ބަންދުކުރި ގެއަކަށް ވަން ދެ މީހަކު ފުލުހުން ހައްޔަރުކޮށްފިއެވެ.
މަސްތުވާތަކެއްޗާ ބެހޭ ގާނޫނުގެ ދަށުން، ’އުއްމީދު‘ ނަމަކަށް ކިޔާ މި ގެ ފުލުހުން ބަންދުކުރީ މިދިޔަ މަހު 15ގަ އެވެ. އެއީ ތިން މަސްދުވަހުގެ ނިޔަލަށެވެ.
ފުލުހުން ބުނީ އެ ގެއަށް ވަދެ، މަސްތުވާތަކެތި ބޭނުން ކުރި ކަމުގެ ތުހުމަތުގައި ހައްޔަރު ކުރީ މަރަދޫފޭދޫއަށް ނިސްބަތްވާ އަންހެނަކާއި ފިރިހެނެއް ކަމަށެވެ.
މި މައްސަލައިގައި ހައްޔަރު ކޮށްފައިވަނީ އަހުމަދު ޝަރަތު (32އ.) އާއި އައިޝަތު ސަލީމް (37އ.) އެވެ.
މި މީހުންގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، 15 ދުވަހަށް ބަންދު ކުރުމަށް އަމުރުކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނި ގޮތުގައި، ކޯޓު އަމުރުގެ ދަށުން މި ގޮތަށް ބަންދުކުރާ ތަންތަނަށް، އެ މުއްދަތުގެ ތެރޭގައި ހުއްދަނެތި ވަދެނުކުތުމަކީ ގާނޫނީ ކުށެކެވެ. އަދި އެގޮތަށް ވަންނަ މީހުންނާއި އެތަންތަނަށް ގެއްލުންދޭ މީހުންނަށް ގާނޫނީ ގޮތުން ފިޔަވަޅު އަޅާނެ ކަމަށް ވެސް ފުލުހުން ބުންޏެވެ.



