މިދިޔަ މަސް ނިމުނުއިރު ރާއްޖޭގެ ރަސްމީ ރިޒާވް 686.8 މިލިއަން އެމެރިކާ ޑޮލަރަށް ދަށްވެފައި ވިޔަސް، ބޭނުންކުރެވޭ ރިޒާވް ހުރީ ރަނގަޅު މިންވަރެއްގައި ކަމަށް މަރުކަޒީ ބޭންކު، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ބުނެފިއެވެ.
ބޭންކިން ނިޒާމާއި މުދާ އިމްޕޯޓްކުރާ ފަރާތްތަކުން ބޭރު ފައިސާއަށް އޮތް ބޮޑު ޑިމާންޑް އިތުރުވުމުގެ ސަބަބުން އެމްއެމްއޭގެ ފޮރިން އެކްސްޗޭންޖް އިންޓަވެންޝަން ސިޔާސަތުގެ ދަށުން ބާޒާރަށް ވިއްކި ޑޮލަރުގެ މިންވަރު، ކުރީ މަހާ އަޅާބަލާއިރު %43 ވަނީ އިތުރުވެފައެވެ.
އެމްއެމްއޭން މިއަދު އާންމުކުރި ތަފާސްހިސާބުތަކަށް ބަލާއިރު، މިދިޔަ މަހުގެ ނިޔަލަށް ރަސްމީ ރިޒާވް ވަނީ:
° މެއި މަހާ އަޅާބަލާއިރު 18 މިލިއަން ޑޮލަރުގެ ދަށްވެފަ
° މިއީ މިދިޔަ އަހަރުގެ ޖޫން މަހާ އަޅާބަލާއިރު 145.6 މިލިއަން ޑޮލަރު ނުވަތަ %17.5 ދަށް އަދަދެއް
ރިޒާވްގެ ޖުމްލަ އަދަދު ދަށްވިޔަސް، މިދިޔަ މަސް ނިމުނުއިރު ބޭނުންކުރެވޭ ރިޒާވް ނުވަތަ ޔޫސަބަލް ރިޒާވް ހުރީ 248.9 މިލިއަން ޑޮލަރުގައެވެ. މިއީ މިދިޔަ މެއި މަހާ އަޅާބަލާއިރު 11.9 މިލިއަން ޑޮލަރުގެ ދަށްވުމެކެވެ.
އަހަރުން އަހަރަށް ބަލާއިރު މިދިޔަ އަހަރުގެ ޖޫން މަސް ނިމުނުއިރު އެ އަދަދު ހުރީ 203 މިލިއަން ޑޮލަރުގައެވެ. މިއީ ގާތްގަނޑަކަށް %23ގެ ކުރިއެރުމެކެވެ.
އެމްއެމްއޭން ބުނި ގޮތުގައި، މި އަހަރުގެ މެއި މަހާ އަޅާބަލާއިރު ޖޫން މަހު ގްރޮސް ރިޒާވް ދަށްވުމުގެ މައިގަނޑު ސަބަބަކީ ބޭރު ފައިސާއިން ކުރި ހޭދަ އިތުރުވުމެވެ. މީގެ ތެރޭގައި ހިމެނެނީ:
° ބޭންކިން ނިޒާމާއި މުދާ އިމްޕޯޓްކުރާ ފަރާތްތަކުން ބޭރު ފައިސާއަށް އޮތް ބޮޑު ޑިމާންޑް އިތުރުވުމުގެ ސަބަބުން އެމްއެމްއޭގެ ފޮރިން އެކްސްޗޭންޖް އިންޓަވެންޝަން ސިޔާސަތުގެ ދަށުން ބާޒާރަށް ވިއްކި ޑޮލަރުގެ މިންވަރު، ކުރީ މަހާ އަޅާބަލާއިރު %43 އިތުރުވުން
° މީގެއިން ދޭހަކޮށްދެނީ ދިވެހި ރުފިޔާގެ އަގު ހިފެހެއްޓުމަށްޓަކައި އެމްއެމްއޭއިން ކުރަންޖެހޭ ހޭދަ ބޮޑުވަމުންދާކަން



